ޔޫއެސް އިންޑޯޕޭކޮމްއާއި އެމްއެންޑީއެފުން ގުޅިގެން ބާއްވާ އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް ރާއްޖޭގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑޯ-ޕެސިފިކް އެންވަޔަރުމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަޙައްދުގެ ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ސަރަޙައްދީގޮތުން އެންމެ މަތީފެންވަރުގެ މަސްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ކޮންމެވެސް އެއްގައުމެއްގައި ބާއްވަމުންގެންދާ ފޯރަމްއެކެވެ.

ކޮވިޑުގެ ޚާއްޞަ ހާލަތާއި ގުޅިގެން ވޭތުވެދިޔަ ދެ އަހަރު މިފޯރަމް ބޭއްވިފައިވަނީ ވަރޗުއަލްކޮށެވެ.

ޔޫ.އެސް ޕެސިފިކް ކޮމާންޑާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން އޮގަސްޓް 1 އިން 4 އަށް ކުރުނބާ މޯލްޑިވްސްގައި މިއަހަރު ކުރިއަށްގެންދާ ފޯރަމްގައި 21 ގައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު މި ފޯރަމް ހޯސްޓްކުރާ ގައުމުގެ ހައިސިއްޔަތުން، ރާއްޖޭގެ ތިމާވެއްޓާގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 ބައިވެރިން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މިފޯރަމްގައި ބައިވެރިވާނެއެވެ. މިފޯރަމް ދިވެހިރާއްޖޭގައި އެންމެފަހުން ބާއްވާފައިވަނީ 2014 ވަނައަހަރުއެވެ.

މި ފޯރަމްގެ ސެޝަންތައް ފަރުމާކުރެވިފައިވާނީ އެދުވަހަކަށް ކަނޑައެޅިފައިވާ ތީމާއި ގުޅޭގޮތަށެވެ. އެގޮތުން މިއަހަރުގެ ފޯރަމްގެ ދުވަސްތައް ބަހާލެވިފައިވާ ތީމްތަކަކީ، ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް، ސްމޯލް އައިލެންޑް ނޭޝަސް ކޮންސާންސް، އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ އަދި ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސްއެވެ.



މި ފޯރަމް ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ، އެންވަރމަންޓް މިނިސްޓަރ، ޓްއަރިޒަމް މިނިސްޓަރ، ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި މީގެ އިތުރުންވެސް ސަރުކާރުގެ ތިމާވެއްޓާއި ގުޅުންހުރި އިދާރާތަކުގެ އެންމެ އިސްވެރިން ބައިވެރިވެލައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގެ ތެރެއިން މޫސުމީ ބަދަލުތަކާއި ކުރިމަތިވަމުންދާ ގިނަ ސަބަބުތަކެއް ދެނެގަނެވި އެކަމަށް ސަރަޙައްދީ ފެންވަރުގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ފައިނަލް ކުރެވުމުގެ އިތުރުން، ބައިވެރިންނަށް ކަމާއިބެހޭ މާހިރުންނާއި ސީދާ ބައްދަލުވެ ދިމާވާ ވަކިވަކި ކަންކަން ހައްލުކުރުމަށް ކަންކުރެވިގެންދާނެގޮތްތައް ދެނެގަތުމަށްޓަކައި ހޯދަންޖެހޭ ލަފަޔާއި އިރުޝާދު ކަމާއިގުޅޭ ތަޖުރިބާކާރުންގެ ފަރާތުން ހޯދުމުގެ މަގު ފަހިވެގެންދާނެވެ.



ކިޔުންތެރިންގެ ހިޔާލު