ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިއަދު ކުރެއްވި ޓްވީޓަކާއެކު އެމްއެންޕީއާއީ ޕީޕީއެމްގެ ވެރިން ޓްވިޓަރގައި ބަހުގެ ހަމަލާތަކެއް ފަށައިފިއެވެ.

އެމްއެންޕީއާއި ޕީޕީއެމްގެ ވެރިންގެ މެދުގައި މިއަދު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފެށީ، އެމްއެންޕީގެ ލީޑަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަކީ ޣައްދާރެއްކަމަށާއި، މަރުވަންދެންވެސް އެއީ ޣައްދާރެއްކަމަށް ރައީސް ޔަމީން ވިދާޅުވުމުންނެވެ.

ރައީސް ޔާމީންގެ ޓްވީޓަށް ރައްދު ދެއްވަމުން އެމްއެންޕީގެ ލީޑަރު ނާޒިމް ވިދާޅުވީ ވަތަނީ ލީޑަރަކީ ތިމަންނާއޭ ރައީސް ޔާމިން ވިދާޅުވާއިރު، ވަތަނީ ލީޑަރަށް ވެރިކަން ދިނީމާ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލައި ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫންކަމަށެވެ.

"ގައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް." ނާޒިމް ވިދާޅުވިއެވެ.



ނާޒިމްގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ 'ޣައްދާރު' އެ ލަފުޒަކީ ބައެއް ސިޔާސީ ލީޑަރުންނަށް ވަރަށް އުނދަގޫވާ ލަފުޒެއްކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީ ފިޔަވާ ހުރިހާ ޕާޓީއެއް ވަނީ "ލިވާތު ޣައްދާރު ސަރުކާރު" ގެންނަން މަސައްކަތްކޮށް އަދި ނަގަހައްޓަންވެސް މަސައްކަތްކޮށް ޤައުމަށް ޣައްދާރުވެފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިހަޤީގަތެއް ދިވެހިންނަކަށް ނޯޅޭނެ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވީ އެމްއެންޕީގެ ކައުންސިލް މެމްބަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އުޝާމް ވިދާޅުވީ މަދު ފައިސާ ކޮޅަކަށް ގައުމުގެ ބިންތައް ވިއްކާލުމަށް ގާނޫނުއަސާސީ ބަދަލުކުރި ބަޔަކު މިއަދު ނިކުމެ މާ ގައުމީ ބަޔަކަށްވެގެން އެހެން މީހުންނަށް ޣައްދާރަށް ގޮވިޔަސް އެކަން މިއަދު ދިވެހިން ބަލައެއް ނުގަންނާނެކަމަށެވެ.

"މިހަގީގަތް ދުވަހަކުވެސް ބަދަލެއްވެސް ނުކުރެވޭނެ." އުޝާމް ވިދާޅުވިއެވެ.

މި ބަހުސްގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ކުރެއްވީ ޤާނޫނީ ވެރިކަމެއްކަމަށާއި ތަފާތުކުރެއްވުމެއް ނެތި ޤާނޫނު ނެގެހެއްޓެވިކަމަށެވެ. އަދި ބަޤާވާތަކުން ވެރިކަން ވައްޓާލަން ރޭވި ހުރިހާ ރޭވުމެއް ފެއިލްކޮށްލެއްވިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



ޕީޕީއެމްގެ އިސް ބޭފުޅުންގެ ވާޙަކަތަކަށް ރައްދު ދެއްވަމުން އެމްއެންޕީގެ ނާއިބު ލީޑަރެއްކަމަށްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާ ވަދެފައި ހުރިގޮތް ޝަރީއަތުގެ މަޖިލިހުގައި ޕީޖީ ކިޔަދިނުމުން ވަލުދޮރާށިން ކަންކަން ނުކުރާނެކަން ވަރަށް ސާފުކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ފްރޭމް ކުރި މައްސަލަ ފުލުހުން ބެލީމާ ރައީސް ޔާމިނުގެ ވެރިކަމުގައި ބަޑި ގުދަނުން ހަތިޔާރު ނެރުނުގޮތްވެސް ސާފުވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު