ކައުންސިލްގެ ފަރާތުން ސާފުކުރަން ހުރި ކަންތައްތަކެއް ސާފުކުރުމަށް ތ. އަތޮޅު ގާދިއްފުށީ ކައުންސިލް އިދާރާއަށް ދިޔަ ރައްޔިތުންގެ ބަޔަކު އިދާރާގައި ތިއްބާ، ޖަވާބުދާރީވާން މަޑުނުކޮށް ރަސްމީގަޑި ނިމުމުން ކައުންސިލަރުން "ފިއްލަވައިފި" އެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ، ކައުންސިލުން ސާފު ކުރަންޖެހޭ އެކި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެ ރަށުގެ ރައްޔިތުންގެ ބަޔަކު މިއަދު ހެނދުނު 11 ޖަހާ އެކާހަށްހާއިރުއްސުރެ ތިބީ ކައުންސިލް އިދާރާގައި ކަމަށެވެ. އެތަނަށް ދިޔުމުން ކައުންސިލަރުންނާ ބައްދަލުވެ ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް، މަޝްވަރާ ކުރުމަށް ކަމަށްބުނެ ބައްދަލުވުން ކުރުކޮށްލުމަށްފަހު، ރަސްމީގަޑި ނިމުމުން ކައުންސިލަރުންނާއި ޒިންމާދާރުވެރިޔާ ވެސް ހިމެނޭހެން ފަހަރަކު ބޭފުޅަކު ގެއްލެމުން ގޮސް، އެންމެން އޮފީހުން ބޭރަށް ވަޑައިގެންފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ، ރައްޔިތުންގެ ބަޔަކު ކައުންސިލާ ބައްދަލު ކުރަން ދިޔަ މައިގަނޑު ބޭނުމަކީ އެ ރަށުގައި އޮންނަ ރައްޔިތުންގެ ދޯނި ކުއްޔަށް ދީފައިވާ ފަރާތާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ އެތައް ދުވަހެއް ވެފައިވާއިރު ވެސް އޭނާ އަތުން ދޯނި އަތުލާ ރަށަށް ގެނަސްފައި ނުވާ މައްސަލައާއި، ގާނޫނުން ލާޒިމް ކުރާ ރައްޔިތުންގެ ބައްދަލުވުންތައް ވެސް ކައުންސިލުން ނުބާއްވާ މައްސަލައާއި އެނޫންވެސް ޒުވާނުންނާ ގުޅުން ހުރި ބައެއް މައްސަލަތަކުގައި ކަމަށެވެ.

މީގެ ތެރެއިން ރައްޔިތުންގެ މަސްދޯނި ދޫކޮށްފައިވާ ފަރާތުން ދޯނި އަތުލާ ރަށަށް ގެނައުމުގެ މައްސަލާގައި، ކައުންސިލަށް ދިޔަ ރައްޔިތުން ވަނީ 48 ގަޑިއިރުގެ ތެރޭގައި ދޯނި ރަށަށް ގެނައުމަށް ކައުންސިލަށް މުއްދަތެއް ދީފައެވެ. އެ މީހުންނާއެކު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާ ނަމަވެސް، އެ ދޯނި ހަވާލުވި ފަރާތުން ފާހަގަ ކުރާ ބައެއް ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން އެ ފަރާތުން ގެންގުޅޭ މުވައްޒަފުންނަށް މުސާރަދޭން ދަތިވެފައިވާ މައްސަލަފަދަ ކަންކަން ކައުންސިލުން ފާހަގަ ކޮށްފައިވާކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް، ރައްޔިތުންގެ ފަރާތުން ބައްދަލުވުމަށް ދިޔަ މީހުންވަނީ އެކަން ބަލައި ނުގަނެވޭނެ ކަމަށާއި ކުރީގެ ކައުންސިލު ނިމިގެން ދިޔައީވެސް ދޯނި ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަމަވެ ހައެއްކަ މަސް ވެފައި ވަނިކޮށްކަން ފާހަގަ ކޮށްފައެވެ. އަދި މި ކައުންސިލުންވެސް މިއަދާހަމައަށް ވެސް ދޯނި އެ ފަރާތުން އަތުލާފައި ނުވާކަން ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުން ފާހަގަކޮށްފައިވާ ކަމަށް ނޫހަށް މައުލޫމާތު ދިންމީހާ ބުންޏެވެ.

މި ބައްދަލުވުމަށްފަހު، ސާފުކުރަންޖެހޭ ކަންކަން ހުރިކަމަށްބުނެ ބައްދަލުވުން ކުރުކޮށްލިފަހުން، ފަހަރަކު ކައުންސިލަރަކު ގެއްލެމުން ގެއްލެމުންގޮސް، މިހާރު އިދާރާގައި ހުންނެވީ އެންމެ ކައުންސިލް މެންބަރެއް ކަމަށާ، ޒިންމާދާރު ވެރިޔާވެސް 2 ޖެހުމާއިއެކު އިދާރާއިން ވަޑައިގެންފައިވާ ކަމަށް އޭނާ މައުލޫމާތު ދީފައި ވެއެވެ.



ކައުންސިލް އިދާރާއަށް ދިޔަ ރައްޔިތުންގެ ގުރޫޕް މިހާރު ވެސް ތިބީ ކައުންސިލް އިދާރާގައެވެ. އެ މީހުން އިދާރާގައި ތިބުމުން އަދިވެސް ކައުންސިލް އިދާރާ ހުރީ ބަންދު ނުކުރެވިއެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްގެ ރައީސަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކައުންސިލްގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު