އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ކީރިތި ގުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތައް ކިންގ ސަލްމާން މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށާއި ޤުރުއާން ޢިލްމާއި ގުޅޭ ތާރީޚް ދިރާސާ ކުރުމުގެ މަސައްކަތްކުރަމުން އަންނަ މަރުކަޒެކެވެ. މީގެއިތުރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ތަމްސީލް ކުރާނެ ބައިވެރިން އުފެއްދުމުގެ މަސައްކަތްވެސް އެ މަރުކަޒުން ކުރިއަށްގެންދެއެވެ.

ކީރިތި ގުރުއާނާއިބެހޭ ޤައުމީ މަރުކަޒުން މައުލޫމާތުދޭ ގޮތުގައި އެ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، މަރުކަޒުގެ މަސައްކަތްތައް ސަލްމާން މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ އިބްރާހިމް ޢަބްދުލްކަރީމް ވިދާޅުވީ މަރުކަޒުގެ މަސައްކަތް ސަލްމާން މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ސަލްމާން މިސްކިތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގައި އިންޓަރނެޓް ކަނެކްޝަންފަދަ ބޭނުންވާ މުހިއްމު ކަންކަން ނެތުމުގެ ސަބަބުން އެ މަރުކަޒުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން ކުރިއަށްގެންދާނީ މިހާރު އެމަރުކަޒު ހިންގަމުންދާ ޢިމާރާތުގައިކަމަށެވެ.

ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ކޯސްތަކާއި އެމަރުކަޒުގެ މަސައްކަތްތައް ކުރުމަށް ހަމަޖައްސާފައިވާއިރު ސެމިނަރ ރޫމަކާއި، ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ ބޮޑު އޮޑިޓޯރިއަމްވެސް އެ މަރުކަޒަށް ވަނީ ދޫކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު