ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އޭނާއަކީ މަރު ދުވަހާ ޖެހެންދެންވެސް ޣައްދާރެއް ކަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރު ކަމަށެވެ. އަދި 2013 އިން 2018 އަށް އެމަނިކުފާނު ކުރެއްވީ "ނަޖިސް" ވެރިކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ ރިޝްވަތާއި ހިޔާނާތް އަދި ވައްކަމާއި މަކަރާއި ހީލަތް އާންމުކުރި ދުވަސްތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.





ރައީސް ޔާމިންގެ ވެރިކަމުގައި ދިރިއުޅުއްވާ ގެއިން ފިސްތޯލައެއް ފެނިގެން ކަމަށް ބުނެ ދިގު މުއްދަތަށް ޖަލުހުކުމެއް ކުރި ނާޒިމް މިއަދު ވިދާޅުވީ ރައީސް ޔާމީނާ ސިޔާސީ ގޮތުން ނުވަތަ އެ ނޫން ގޮތަކަށްވެސް ހިޔާލު ތަފާތު އެންމެން ޖަލަށް ލާފައިވާ ކަމަށެވެ. އަދި ވެރިކަން ކުރެއްވީ މުއައްސަސާތަކުގެ ބާރު ކަނޑުވާލައިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް ނާޒިމަކީ ޣައްދާރެެއް ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯއްދަވާފައިވާ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު