އަދުލުވެރިކަމަކީ ހަމައެކަނި ސިޔާސީ ބޭނުމަށް ދައްކާ މޫސުމީ ވާހަކައަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަދުލުވެރިކަމަކީ ﷲ ގެ ޙަޟްރަތުގައި ވަރަށް ބޮޑުވެގެންވާ ކަމެއް ކަމަށެވެ. އަދި އަދުލުވެރިކަމުގެ ވާހަކައަކީ އެއްވެސް މީހަކު ސިޔާސީ މަންފާއެއް ހޯދަން ދައްކަން ޖެހޭ ވާހަކައަކަށް ވެގެން ނުވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



"ހައްގު ގޮތުގައި އަދުލްވެރިކަން ގާއިމް ކުރުމަކީ މުއްސަންޖެއް ފަގީރެއް ތިމާގެ މީހަކާއި އެ ނޫން މީހެއް ބެލުމެއް ނެތި އިންސާފު ގާއިމްކުރުން." އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމު މިމޭރުމުން ވާހަކަ ދެއްކެވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބަންގްލަދޭޝް ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކުރުމުން ރައީސް ނަޝީދު ގެންދަވަނީ އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމާ ގުޅިގެން ވެރިކަން ކުރާ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ގެންދަވަނީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހަގީގަތެއް ނެތް ވާހަކަ ތައް ވެސް ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ނާޒިމް ހައްޔަރު ކުރީ ގޯހުންނެވެ. ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށާއި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ރުއްސުމަށެވެ.

ކޮއްކޮއަށް ހައްގު އަދަބު ދިނުމާއި ދެކޮޅަށް ރައީސް ނަޝީދު ތެދުވެވަޑައިގަތުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް މިއަދު ވިދާޅުވީ ގާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރަންޖެހޭ ކަމަށެވެ. ހަމަހަމަކަމާއެކު އެންމެންގެ މައްޗަށް ގާނޫނު ނުހިގާނަމަ އަދުލްވެރި ވެރިކަމަކަށް ނުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު