އިއްޔެއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ސިޔާސީ ކަންކަމާ ޒާތީ ކަންކަމާ ގުޅި، ބޮޑެތި ވާހަކަތަކެއް ފަޅައިގެން ދިޔަ ދުވަހެކެވެ. އެއްބަޔަކު ބުނާގޮތުގައި އެކަން ހިނގީ ޖަޒުބާތުގައި ޖެހިގެނެވެ. އަނެއް ބަޔަކު ބުނަނީ، "ބެސްޓް ފްރެންޑް" އެފަދަ ތުހުމަތެއް ކުރާނީ ކޮންމެވެސް ކަމެއް ވީމާކަމަށެވެ.

ކޮންމެއަކަސް ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ދެބޭފުޅުންކަމަށްވާ، އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިޙް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގުޅުން އެއްކޮށް ކެނޑޭ ހިސާބަށް މިހާރު ވަނީ ގޮސްފައެވެ. އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކޮއްކޮ ޖަލަށްލުމުން ރައީސް ނަޝީދަށް ކުރި އަސަރާއެކު އެމަނިކުފާނު ވަނީ ރައީސް ޞާލިޙަށް އެކަމުގެ "ރޯޅި" ބާލައްވާފައެވެ. ހަމަ ހުންނަވާފައި ގައުމެއްގެ ވެރިޔަކާމެދު ކުރަން ހެޔޮ ނުވާވަރުގެ ތުހުމަތެއް ކުރައްވާފައެވެ.

އެ ތުހުމަތުތަކުގެ ކުރިން ނަޝީދު ވަނީ ރައީސަށް ކޮރަޕްޝަނާ މަގާމުގެ ނުފޫޒު ބޭނުން ކުރައްވާކަމުގެ ތުހުމަތު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ނާޒިމުގެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒުތައް ނުވެއްދިނަމަ އޭނާއަށް އިންސާފު ލިބޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެހެން ބައެއް މައްސަލަތަކުގައިވެސް ރައީސް ޞާލިޙު ސީދާ ނުފޫޒު ފޯރުއްވައިގެން ތަހުގީގުތައް ވަކި ގޮތަކަށް ގެންދެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ވަކި މެންބަރެއްގެ މަސްލަހަތު އޮތް މައްސަލައެއްގައި ރައީސް ޞާލިޙު ނުފޫޒު ފޯރުއްވައި އެ މައްސަލައިގެ ތަހުގީގު ހުއްޓަން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް އެންގެވި ކަމަށް ވިދާޅުވިއެވެ.

އެއަށްފަހު ރައީސް ޞާލިޙް ހިލޭ އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ނަޝީދު އަތްޕުޅުގައި އެބަހުރިކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެފަދައިން ވިދާޅުވުމާއެކު ގުރޫޕްތެރެ ކެކިގަތެވެ.

ނަޝީދު ގެންދެވީ އެއްވެސް ހިފެހެއްޓުމެއް ނެތި ރުޅިގަނޑު ބާލަމުންނެވެ. އެ ވާހަކަތައް އެގޮތަށް ނުދެއްކުމަށް ނަސޭހަތްތެރިވި މެންބަރަކާ ދިމާއަށްވެސް ނަޝީދު ދިޔައީ ރައްދު ދެއްވަމުންނެވެ. ކޯފާ އިސްކުރައްވާފައި ހުންނެވި ވަރުން، މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާގެ ފިރިކަލުން ނާޝިޒް އެއްޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ. އެއާއިއެކު ރޮޒޭނާ ވެސް ރުޅިދުރުވެ ރައްދު ދެއްވަން ފެއްޓެވިއެވެ. އަދި އޭނާގެ ފިރިކަލުންނަކީ އެފަދަ ކަމެއް ކުރާނެމީހެއް ނޫންކަމަށް ވިދާޅުވެ ރައީސަށް ވެސް ނަޝީދު ކުރައްވާ ތުހުމަތުގެ ހެކީގެ ގޮތުގައި ފޮޓޯ ހުރިނަމަ އެ ފޮޓޯތަކެއް ގުރޫޕަށް ލުމަށް އެދިވަޑައިގަތެވެ.

ހިފެހެއްޓުމެއް ނެތި ޕާޓީގެ އިސް ލީޑަރަށް ތުހުމަތުތައް ކުރަން ފެށުމުން ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވެސް ވަނީ އެކަން އެގޮތަށް ނުކުރުމަށާ، އެފަދަ ވާހަކަތައް ދެއްކުމުގެ ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ރައްދުގައި ރައީސް ނަޝީދު އަނެއްކާވެސް ކޯފާ އިސްކުރައްވާ ފައްޔާޒަކީ އެމަނިކުފާނަށް ގޮތް ކިޔާދެވޭނެ މީހެއް ނޫންކަމަށް ވިދާޅުވިއެވެ.

އިއްޔެގެ މި ޒުވާބުގައި ރައީސް ނަޝީދު ދެން އެންމެ ކޯފާ އިސްކުރެއްވީ، އަނދުން ހުސައިނަށެވެ. ނަމަވެސް އަނދުން ހުސައިން ގެންދެވީ އެމަނިކުފާނު ރުޅިއިސް ނުކުރުމަށް އެދެމުންނެވެ.

މި ވާހަކަތައް މީސްމީޑިއާގައި ލީކުވުމާއިއެކު، ޓްވިޓާވެސް ކެކިގަތެވެ. ރައީސް ޞާލިޙަށް ތާއީދުކުރާ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންތައް ވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެށިއެވެ. އަދި ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އެފަދަކަމެއް ނުކުރެވޭނެކަމަށް ބުނެ އެމަނިކުފާނުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.

މިހާރު ފެންނަ މަންޒަރުތަކާ އިވޭ އަޑުތަކަށް ބަލާއިރު ރައީސް ނަޝީދުގެ މަގުބޫލުކަން އިހުނަށްވުރެ ބޮޑަށް ޕާޓީތެރޭ ވަނީ ގެއްލިފައެވެ. އެމަނިކުފާނުގެ އެ ހިނިތުންވުމުގެ އަޑީގައި އޮތް ހަގީގީ ސިފަ އެ މެންބަރުންނަށް ފަހުމްވެ މިހާރު އެވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުންނާ ޕާޓީގެ ރައީސްކަމުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައެވެ.

ނަޝީދު ކުރެއްވި ތުހުމަތު ތަކަކީ ހުސް ފުލޯކުކަން ބޭޒާރުވުމާއި އަމިއްލަ ޕާޓީ ފުނޑުން ނޫންކަމެއް ނަޝީދަކަށް ހާސިލެއް ނުވިއެވެ. ރައީސް ޞާލިހު ބޭޒާރު ކުރަން ހައްދަވައިގެން ނަޝީދު ބޮލާފޮށާ އެޅުނީއެވެ. ކޮއްކޯފުޅާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ބަރަހަނާވެ ބޭޒާރުވީއެވެ. ޑިމޮކްރެސީގެ ދިގުހާރާއި ބޮޑު ތާޖު އަޅުއްވައިގެން ކޮއްކޯފުޅު ވީ ބަރަހަނާ ނިވާ ކުރަށްވާން އުޅެގަތް ގޮތުން އެމަނިކުފާނު ވިދާޅުވާހެން ނުފޯރާ ފޮތިން ފޫގަޅަން އުޅުނު މީހާއަށް ވީގޮތްވީއެވެ. ދެން މިހާރު އެހުންނެވީ މަރިޔަނބު ގެއްލި ކަތިވަޅި ގެއްލި ކޮށިދަނޑުވެސް ގެއްލޭ ހިސާބަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން