މިރޭގެ މެޗްގެ ތެރެއިން --
މިރޭގެ މެޗްގެ ތެރެއިން --
އެފްއޭއެމް ދެވަނަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް މިރޭ ކުޅުނު މެޗު ވެސް ނިއުރޭޑިއަންޓުން ކާމިޔާބު ކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު ނިއު ކާމިޔާބު ކުރީ 2 – 0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗްގައި ވެސް ނިއުގެ ކުޅުންތެރިންގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

އެގޮތުން ނިއު އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު، ނިއުގެ މެދު ތެރެއަށް ކުޅެމުން އަންނަ އުޒްބެކިސްތާނު މިޑްފީލްޑަރު ފާރޫގް ޚައިދަރޮވް އާއި އިބްރާހިމް ސިނާހުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްލެވެއެވެ.

މި މެޗްގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫއެވެ. އެއް ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފް ނިންމާލިއިރު، ދެވަނަ ހާފުގައި މެޗުގެ 66 ވަނަ މިނެޓްގައި މުހައްމަދު ލިޔާހް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ނިއުއަށް ލީޑު ފުޅާ ކޮށްދީފައެވެ.

މި މެޗްގައި ބީޖީން ވެސް ހަމަލާތަކެއް ދެވޭތޯ މަސައްކަތް ކުރި ނަމަވެސް، ނިއުގެ ޑިފެންޑަރުންވަނީ އެކަން ނާކާމިޔާބު ކޮށްލާފައެވެ.

މިމެޗާއެކު ނިއުއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ނިއު ކޮޅަށް ޖުމްލަ ވަދެފައިވަނީ ދެލަނޑެވެ. ބީޖީއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައިވެސް، މެޗު ބަލަން ނިއުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން