ދެވަނަ ޑިވިޒަނުގައި މިރޭ ނިއުރޭޑިއަންޓާ ވިކްޓްރީ ސްޕޯޓްސް ކުލަބް ބައްދަލު ކުރާ މެޗް ވެގެންދާނީ، ފާއިތުވި 3 އަހަރުތެރޭ ކުލަބު ފުޓްބޯޅައިގައި ފެންނާނެ އެންމެ ފޯރި ގަދަ މެޗް ކަމަށް ނިއުގެ ކޯޗު މުޙައްމަދު ސޮބާހު (ސޮބާ) ބުނެފިއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ސޮބާ ބުނީ، ނިއުރޭޑިއަންޓާ ވިކްޓްރީގައި ވެސް އޮތީ ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑު ނޫންކަން ގަބޫލު ކުރާ ކަމަށާ ނަމަވެސް، ކުލަބު ލެވެލްގައި ފެންނާނެ އެންމެ ފޯރިގަދަ މެޗަށް މިރޭގެ މެޗް ވާނެކަމަށެވެ. ނިއުއަށް މީގެ ކުރިންވެސް ކޯޗުކަން ކޮށްދީފައިވާ ސޮބާ ބުނީ ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ފޯރި ކެނޑިފައިވާ ވަގުތެއްގައި މި ދެ ޓީމުގެ މިމެޗަކީ އެ ފޯރި އަލުން ގެންނަން އެންމެ ރަނގަޅު މެޗަށް ވާނެ ކަމަށެވެ.

މިރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭ މި މެޗްގައި ނިއުރޭޑިއަންޓުން ނުކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށް ވެސް ސޮބާ ވަނީ ބުނެފައެވެ. މީގެ އިތުރުން ދެޓީމުން ވެސް މި މެޗަށް ނުކުންނަނީ "ރަސްވާދަ" މި ޝިއާރުގައެވެ.

3 އަހަރަށްފަހު ދަރަނިން ސަލާމަތްވެ އެނބުރި އައިސް ދެވަނަ ޑިވިޒަނުގައި ނިއުއިން މިހާރުވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ އެންމެ ގިނަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. ވިކްޓްރީ ދެމެޗް ކުޅުނުއިރު އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން