ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރު، ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާއި މިނާގައި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ޙާލުއަހުވާލު އޮޅުން ފިލުއްވައިފިއެވެ.

މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަޑައިގެންނެވިއެވެ.

ރައީސް ޙައްޖާޖީންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ޒިޔާރަތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ޢަލީއާއި ޗީފް އޮފް ސްޓާފް އަލް އުސްތާޛް ޢަލީ ޒާހިރާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙާމީދާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙުމަދު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ ޖުލައި 4 ވަނަ ދުވަހުގައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔައީ 453 މީހުންނެވެ. އަދި ހުރިހާ އެންމެންގެވެސް ހާލު ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަނުން މައުލޫމާތުދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު