ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ސްރީލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަމިއްލަފުޅު ގެކޮޅުގައި މުޒާހަރާގެ ބައިވެރިން ހުޅުޖަހާ ރޯކޮށްލުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

އެކަން ކުށްވެރި ކުރައްވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަނިލް ގެންދަވަނީ ސްރީލަންކާ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި އެމަނިކުފާނުގެ ގެކޮޅުގައި ރޯކޮށްލުމަކީ ލަންކާގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫންކަމަށެވެ.

ލަންކާގެ އިގުތިޞާދީ ހާލަތު އެއްދުވަހުން އަނެއް ދުވަށް ގޯސްވެ ރައްޔިތުން ހާލުގައި ޖެހި ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ މުދަލާއި ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ގޮސް ގައުމުން ޕެޓްރޯލާއި ޑީސަލް ހުސްވެ ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ވެސް ގައުމު ނުވެއްޓޭ ވަރުގެ އިގުތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓި އެތައް ދުވަހެއް ވެގެން ދިޔައިރުވެސް ސަރުކާރަށް އެއްވެސް އަލިމަގެއް ހޯދިފައި ނުވާތީ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ނުކުމެ ކުރަމުން ގެންދިޔަ މުޒާހަރާތައް ކޮންޓްރޯލް ނުވެ ހޮނިހިރު ދުވަހު ވަނީ ރިޔާސީ ގަނޑުވަރާއި ރައީސް އޮފީސް ވެސް ރައްޔިތުން ހިސޯރުކޮށް ކޮންޓްރޯލް ކޮށްފައެވެ. ރައްޔިތުން ގޮވަމުން ދަނީ ރައީސް ގޮޓަބަޔާއާއި އޭނާގެ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު ގައުމު ހިންގޭނެ އަމާނާތްތެރި ބަޔަކާއި ވެރިކަން ހަވާލު ކުރުމަށެވެ.

ސަލާމަތީ ބާރުތަކަށް ކޮންޓްރޯލް ގެއްލުނު ހޮނިހިރު ދުވަހުގެ ބޮޑު އިހުތިޖާޖުގެ ވަކި ހިސާބަކުން ރައީސާއި ބޮޑު ވަޒީރު އިސްތިފާ ދެއްވާނެކަން އިއުލާން ކޮށްފައި ވަނިކޮށް ބޮޑު ވަޒީރުގެ އަމިއްލަ ގެކޮޅުގައި ބަޔަކު ރޯކޮށްލި މައްސަލައިގެ ތުހުމަތު މުޒާހަރާގެ ބައިވެރިންނަށް ސަލާމަތީ ބާރުތަކުން ކުރަމުން ދިޔަ ނަމަވެސް އެކަން ހިނގާދިޔަ ގޮތާއިމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.



އެ ގޭގައި ރޯކޮށްލި މައްސަލައާއި ގުޅިގެން މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށާއި، އަދިވެސް މި ކަމާއި ގުޅިގެން މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ބުނީ، މުޒާހަރާތަކުގައި ސަރުކާރުގެ މުދަލަށާއި އާންމުންގެ މުދަލަށް ގެއްލުންދޭ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށާއި، އެކަމުގެ ޒިންމާ ފުލުހުން ނުނަގާނެ ކަމަށެވެ.

ރަނިލްގެ ގެކޮޅުގައި ރޯކޮށްލުން ނަޝީދު ކުއްވެރި ކުރެއްވި އިރު، ލަންކާގެ އިގުތިސާދު ހަމައަކަށް އަޅުވަން ބޭނުންވާ ބޭރު ފައިސާގެ އެހީ ހޯދައިދިނުމަށް އެހީތެރިވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރައްވާފައި ވަނިކޮށް އެ ޒިންމާ، ރައީސް ނަޝީދާ އެގައުމުގެ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް، ރައީސް ނަޝީދުގެ މަސައްކަތުން އެއްވެސް ފައިސާއެއް އެގައުމަށް ލިބިފައިވާ ކަމަކަށް އަދި މިހާތަނަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު