ރާއްޖޭގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާ ދެކޮޅަށް ފުލުހުން ހެއްކެއްގެ ގޮތުގައި ހުށަހަޅަނީ ފޮޓޯ ގަނޑެއްކަމަށް އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ ޔޯގާ މައްސަލައިގައި މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައި ހެއްކެއްގެ ގޮތުގައި ހުށަހަޅަނީ އޭނާގެ ގޭގެ ދޮރުމަތީގައި ސިނގިރޭޓެއް ބޯން ހުއްޓާ މަގުމަތިން ދިޔަ ބަޔަކާ ސަލާމްކޮށް، މުއާމަލާތު ކުރަނިކޮށް ނެގި ފޮޓޯއެއް ކަމަށެވެ. ޝާހު ވިދާޅުވީ އެ ފޮޓޯއިން ފެންނަ މަންޒަރުން، މުހައްމަދު އިސްމާއީލް އެ ހަމަނުޖެހުމާއި ގުޅުން އޮތްކަން އެނގޭކަމަށް ކޯޓުގައި ފުލުހުން ބުނާކަމަށެވެ. ނަމަވެސް މިއީ އެކަށީގެންވާ ހެއްކެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފުލުހުން ތުހުމަތުކުރަނީ އެ ހަމަނުޖެހުން އެންމެ ބޮޑަށް ރާވާ އިންތިޒާމްކުރީ މުހައްމަދު އިސްމާއީލް ކަމަށާއި އެއީ ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލް ކުރުމަށް ކުރި ކަމެއް ކަމަށް ފުލުހުން ބުނާކަމަށް ޝާހު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ މުހައްމަދު އިސްމާއިލް ކުށެއް، ހަމަނުޖެހުމުގައި އަމަލީގޮތުން ބައިވެރިވި ވޮތެއް ފުލުހުންނަށް ބުނެއެއް ނުދެވުނުކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މުހައްމަދު އިސްމާއީލްގެ މައްޗަށް ތުހުމަތުކުރަނީ މާ ބޮޑު ހެއްކަކާއި ގަރީނާއެއް ހުރެގެން ނޫން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ޔޯގާ ހަރަކާތާ ގުޅުވައިގެން އެތައް ބަޔަކު ހައްޔަރުކޮށް އެތައް ދުވަހެއްގެ ބަންދު މުއްދަތު ޖަހާފައިވާއިރު، މިއަށްވުރެ ބޮޑެތި ކުށްތައް ކުރާ މީހުންނަށްވެސް މިވަރުގެ ބަންދެއް ނުޖަހާކަން ގޮނަ ބަޔަކު ފާހަގަ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު