ސްރީލަންކާއަށް މިހާރު ދިމާވެފައިވާ ދަތި އަދި އުނދަގޫ ހާލަތުން އަރައިގަނެވޭނީ ގާބިލު ބަޔަކަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލަންކާގައި ހަމަނުޖެހުންތަައް ބޮޑުވެ، އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު އިސްތިޢުފާދެއްވުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ލަންކާގައި މިހާރު ދަނީ ވަރަށް ހަމަނުޖެހުންތައް ބޮޑު ދުވަސްކޮޅެއްކަމަށެވެ. އަދި ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކުން އަރައިގަނެވޭނީ ހަރުދަނާ އަދި ގާބިލު ބަޔަކަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ލަންކާއަށް ދިމާވެފައިވާ ހާލަތުން އެ ގައުމު އަރައިގަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.





ލަންކާގައި އިއްޔެ ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން އެ ގައުމުގެ ރައްޔިތުން ވަނީ ލަންކާގެ ރައީސްގެ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގެންފައެވެ. އަދި އެންމެފަހުން ކަންކަން ކޮންޓްރޯލުން ނެއްޓުމުން އެގައުމުގެ ރައީސާއި ބޮޑުވަޒީރު ވަނީ އިސްތިޢުފާދެއްވުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު