ރައްޔިތުންގެ މުދާ އާއިލާ އަށާއި ރަށްޓެހިންނަށް ބަހާތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ސްރީލަންކާގެ ރައީސާއި ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި އެގައުމުގައި މިހާރު ކުރަމުންދާ މުޒާހަރާތައް ހޫނުވެ ރައީސްގެ ގެކޮޅާއި ބޮޑުވަޒީރުގެ ގެކޮޅު ހިސާރުކޮށް ރައީސްގެ ގެކޮޅަށް އާންމުން ވަދެ ހިސާރުކުރުމާއި ގުޅިގެންނެެވެ. ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ބޮޑުވަޒީރު ކަމާއި ކެބިނެޓަށާއި ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރެއްވީ އާއިލާގެ ބޭފުޅުންނެވެ. މުޅި ސަރުކާރުގެ 75 އިންސައްތަ ހިއްސާ ކުރަނީ ރައީސްގެ އާއިލީ ބޭފުޅުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތެލާ ކާބޯތަކެއްޗަށް ޖެހި އިގްތިސާދީ ބޮޑު އަނދަވަޅަކަށް ލަންކާ ވެއްޓި ގައުމު ބަނގުރޫޓްވެ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ ރައްޔިތުންނަށް ދިރިނޫޅެވޭ ހިސާބަށް ދިއުމުން ގޮޓާބަޔާ އާއި އޭނާގެ ސަރުކާރާއި ދެކޮޅަށް ލަންކާގައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. މި މުޒާހަރާތައް ފުޅާވެ މިއަދު ވަނީ ފުލުހުންނާއި ސިފައިންނަށް ވެސް ކޮންޓްރޯލް ނުކުރެވޭ ވަރަށް ރައްޔިތުން ނުކުމެ ރައީސްގެ ރަސްމީ ގެކޮޅާއި ރައީސްގެ އޮފީހާއި ގާނޫނު ހަދާ މަޖިލިސް ވަށާލާ އެތަންތަނުގެ ކޮންޓްރޯލް ވެސް ރައްޔިތުން ނަގާފައެވެ.

އެކަމަށް އިޝާރާތް ކުރަށްވައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ‏ގައުމެއްގެ ވެރިކަމަކީ ރައްޔިތުން ހަވާލުކުރާ މަގާމެއް ކަމަށެވެ. އެމަގާމުގައި ހުރެގެން މަސައްކަތް ކުރަންވާނީ ރައްޔިތުންގެ މަންފާއަށާއި ފައިދާއަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.



"ވެރިކަން އެއީ ތިމާގެ އާއިލާގެ ހަރު މުދަލަށް ހަދައި، ބާރު ލިބުމާއެކު ރައްޔިތުންގެ މުދާ އާއިލާއަށާއި ރައްޓެހިންނަށްދޭތަން ރައްޔިތުން ބަލަން ނުތިބޭނެ،" ސައިރިކްސް ކޮލެޖްގެ ޗެއާމަންކަން ވެސް ކުރަށްވާ ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ އެދުމާއި އެއްގޮތަށް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލާ ގޮތަށް އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ މިހާރު ވަނީ އިއުލާން ކުރަށްވާފައެވެ. އެހެން ނަމަވެސް ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގެންދަވަނީ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެެވެ. ލަންކާގެ ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ރައީސް މަގާމުން އިސްތިއުފާ ދިނުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު