ދިވެހި ހުރިހާ ޙައްޖު ވެރިން މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 11 ޖެހިއިރު ޙައްޖުވެރިން ޢަރަފާތު ބިމަށް އައިސްފައިވާ ކަމަށެވެ. އަދި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ޢަރަފާތު ދުވަހަކީ ޙައްޖުވެރިން ޙައްޖުގެ އެންމެމަތީ ރުކުން އަދާކުރާ ދުވަހެވެ. ޙައްޖު ދުވަހުގައި (އަރަފާތުގެ ދުވަހުގައި) އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ޙައްޖުގެ އެންމެ މުހިއްމު ރުކުނެވެ. ޢަރަފާތު ދުވަހު އިރުއޮއްސުމުގެ ކުރިން ޢަރަފާތު ބިމަށް ނުދެވޭ މީހުންނަށް ޙައްޖެެއް ނުލިބޭނެއެވެ.

ޙައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްނަމިރާގައި ހައްޖު ޚުތުބާ އެެއް ދޭނެއެވެ.

މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ޙައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ.

މުޒްދަލިފާއަކީ ޢަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ. މުޒްދަލިފާއަށްގޮސް ހައްޖުވެރިން މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ.

މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރެެއެވެެ.



ކިޔުންތެރިންގެ ހިޔާލު