މީމު އެއަރޕޯޓުގެ ރަންވޭއަޅާ ބިން ހިއްކަން ފަށައިފިއެވެ.

"މީމު އެއަރޕޯޓް" ތަރައްޤީކުރަނީ މުލަކަތޮޅު މުލީގައެވެ. މީމު އެއަރޕޯޓަކީ މ.އަތޮޅުގައި އަދި އެ ސަރަޙައްދުގައިވެސް ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓެވެ.

މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ކުރަމުންނެވެ.

އެމްޓިސީސީން ބުނީ މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ގެ ޕްލާސްޓަރިންގ މަސައްކަތާއި، ރަންވޭ ހަދަން ހަމަޖެހިފައިވާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތާއި، ޓާރމިނަލް ބިލްޑިންގެ ފައުންޑޭޝަން މަސައްކަތްތައްކަމަށެވެ.



މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓިސީސީން ބުނެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 243.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު