އެސްޓީއޯއިން ފަށަން ތައްޔާރުވަމުންދާ ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯސް މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، މިނިސްޓްރީ އޮފް ހެލްތާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން، ކުރިއަށްގެންދާ މި ކޯސް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައި ކަމަށާއި މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށެވެ.

އަދި މި ކޯހުގެ ފުރަތަމަ ބެޗަށް ހޮވޭ ފުރަތަމަ 25 ދަރިވަރުންގެ ކޯސްފީ ދައްކައިދޭނީ އެސްޓީއޯއިން ކަމަށް ވެސް އެ ކުންފުނިން މިއަދު ވަނީ ބުނެފައެވެ. ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ މި ކޯހުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހުއެވެ. ދެ އަހަރު ކޯހުގެ ތިއަރީ ބައި ކުރިއަށްގެންދާއިރު، އިންޓަރންޝިޕް މުއްދަތަކީ ހަ މަސް ދުވަހެވެ.

އެސްޓީއޯއިން ބުނީ، މި ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުން ކަމަށާއި ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓާއި މިދިޔަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބްގައި ކަމަށެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަދި އާންމުކޮށް ހުޅުވާލާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު