ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަދަދު މިއަދު ރިކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޑޮމެސްޓިކް ޓްރެފިކް ނުވަތަ އެތެރޭގެ އުދުހުންތަކުގައި މިއަދު 125 ފްލައިޓް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ކޮށްފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން 3300 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރު ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން މިއީ އެތެރޭގެ އުދުންތަކަށް ބަލާއިރު ރެކޯޑެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވައިގެ މަގުން އެހާގިނަ އަދަދެއްގެ ބަޔަކު ދަތުރު ކޮށްފައި މިވަނީ، މިއީ ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށްވެފައި، ކުރިޔަށް އޮތީ އަޟްޙާ އީދު ކަމަށް ވުމުންނެވެ. އެހެންކަމުން، މި ދުވަސްވަރު އެއްފަހަރާ ގިނަބަޔަކު ދަތުރު ކުރިނަމަވެސް، ފަސިންޖަރުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

މި ދުވަސްވަރު އެއަރޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަކޮށް، ޓަރމިނަލްތަކަށް އޮންނަ ބާރު ކުޑަކުރުމުގެ ގޮތުން ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ، 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިޔުމަށްވެސް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ، އެއަރޕޯޓުގެ ކިއުތައް ދިގުވުމުގެ ސަބަބުން ފްލައިޓު ޑިލޭތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން ފްލައިޓު ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިއަށް ވަގުތު އޮއްވާ އެއަރޕޯޓަށް ދިޔުން މުހިންމު ކަމަށް އެމްއޭސީއެލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު