ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑަށެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމުއެވެ. ދޮންބޭޒްއާއި ޓްވެންޓީ ތާޑް މެޓާލާޖިކަލްގެ ފަރާތުން ސޮއި ކުރެއްވީ ދޮންބޭޒްގެ ހެޑް އޮފް އޮޮޕަރޭޝަންސް އަލީ ހަމްދޫންއެވެ.



މިމަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. އަދި މަޝްރޫއުގެ އަގަކީ 439.99 މިލިއަން ރުފިޔާއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކުޅުދުއްފުށީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު