ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، ގްލޯބަލް އެޑިއުކޭޝަން ފޯރަމް ސައުތު އޭޝިޔާ ސަމިޓް އިފްތިތާހުކޮށްދެއްވައިފިއެވެ.

މިސަމިޓްގައި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ އިތުރުން، ޔުނިވަރސިޓީތަކުގެ ވެރިންނާއި ތައުލީމީ ދާއިރާގެ ވަރަށް ގިނަ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަތެވެ.

މި ފޯރަމް އިފްތިތާހުކުރެއްވުމުގެ ގޮތުން ރައީސް ޑރ. ވަހީދު ދެއްކެވި ވާހަކަފުޅުގައި މަތީ ތައުލީމުގެ މަޤްސަދުތަކާއި މުސްތަގްބަލާމެދު އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިމަގުގައި މަތީ ތައުލީމަށް އަންނަންޖެހޭ ބަދަލުތަކާމެދު ހިޔާލު ފާޅުކުރެއްވިއެވެ. މި ރަސްމިއްޔާތު އެކި ޒަރިއާތައް މެދުވެރިކޮށް 10 ހާސް ދަރިވަރުން ބަލަމުންދިޔައެވެ.

ރައީސް ވަހީދަކީ ތައުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވައި، އދގެ މަންދޫބެއްގެ ގޮތުން 16 ވަރަކަށް ޤައުމުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާއްސަކޮށް ދެކުުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް. އަފްގާނިސްތާނު އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ޑރ. ވަހީދު މަތީ ތައުލީމުގެ ދާއިރާގައި އެމެރިކާގެ ސްޓެންފޯޑް ޔުނިވަރސިޓީއާއި މިޗިގަން ސްޓޭޓް ޔުނިވަރސިޓީއާއި ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީގައި ކިޔަވާދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު