އިންޑިއާގެ ހިލޭ އެހީގެ ދަށުން ގދ. ފަރެސްމާތޮޑާގައި ހެދި "ހެރަހަމަގު ބަޖީޗާ" ހުޅުވައިފިއެވެ.

އެ ޕާކު ހުޅުއްވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަނީ، އާންމުންގެ ބައިވެރިވުމާއެކު ފޯރިގަދަ ކުޅިވަރު މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައް ބާއްވާފައެވެ.

މިއީ އާންމު އެއްވުންތަކާއި އިވެންޓްތައް ބޭއްވުމުގެ އިތުރުން އައުޓްޑޯ ހަރަކާތްތަކާއި ދުޅަހެއުކަމަށް މަގުފަހިކޮށްދޭނެ ތަނަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.

މިއީ އިންޑިއާއިން ފޯރުކޮށްދީފައިވާ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެދަށުން ހިންގުމަށް ހަމަޖެހިފައިވާ 45 މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީގެ މައްޗަށް ބިނާވެފައިވާ މި މަޝްރޫޢުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ، ދެމެހެއްޓެނިވި ތަރައްޤީ، ތާޢުލީމީ ދާއިރާ އަދި މަސްވެރިކަމާއި ސިއްޙީ ދާއިރާ، ކުޅިވަރާއި ޒުވާނުންގެ ތަރައްޤީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ވެސް ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ދެބައިކުޅަ އެއްބައި މިހާރުވަނީ ނިމިފައެވެ.

އިންޑިއާއިން ރާއްޖޭގައި ހިލޭ އެހީގެގޮތުގައި ހިންގޭ މިފަދަ މަޝްރޫޢުތައް ބިނާ ވެފައިވަނީ އެ މުޖްތަމައަކަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މައްޗަށް ބަލައި، އުމްރާނީ ތަރައްޤީ ބިނާކުރުމަށް ކަމަށް އިންޑިއާ އެމްބަސީން ވަނީ ބުނެފައެވެެ. މި މަޝްރޫޢުތައް ހަމަޖައްސަނީ ރާއްޖޭގެ ސަރުކާރުން، ތަރައްޤީގައި އިސްކަންދީފައިވާ ގޮތުގެ މައްޗައް ބަލާފައެވެެ. އެގޮތުން މި މަޝްރޫޢުތައް ހިންގުމަށް ހަވާލުކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކާއި ކަމާ ބެހޭ މިނިސްޓްރީތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު