މިދިޔަ މަހު އަރިދަފުސް ރޯގާއާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަދި މިއަހަރުގެ މިހާތަނަށް ރާއްޖޭގައި އެ ބަލިތައް ވަނީ އިތުރުވެފައެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު ވެސް އެ ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

އެގޮތުން މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 294 މީހަކު ވަނީ ރިޕޯޓުކޮށްފައެެވެ. އަރިދަފުސް ރޯގާ ޖެހިގެން 21،802 މީހުން ރިޕޯޓުކޮށްފައިވާއިރު ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން 2،376 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު