މީރާއިން ދޫކުރާ ޓްކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި މާލީ އިދާރާތަކަށް ހުށަހަޅަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި، ޓެކުހާގުޅޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައި މީރާއިން ދޫކުރާ ލިޔުމެކެވެ.

މާލިއްޔަތު ސަރކިއުލަރ ނަމްބަރު 13-B/CIR/2019/9 (ދައުލަތުގެ އާމްދަނީ އަށް އަސަރުކޮށްފާނެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލުކުރާނެ ގޮތް) ގައި ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދިނުމާއި، އައުކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި، މި ނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާއެއް ނެތްކަން މީރާއިން ލިޔުމުން ކަށަވަރުކުރުމަށް ބަޔާންކޮށްފައިވާތީ، ސަރުކާރުގެ ގިނަ އިދާރާތަކަށް މި ރިޕޯޓް ހުށަހަޅަން ޖެހެއެވެ.



ޓެކްސް ކްލިއަރަންސް ރިޕޯޓަކީ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ރިޕޯޓުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ރިޕޯޓެއްކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މި ދަނޑިވަޅަކީ މި ރިޕޯޓު ފޯޖްކޮށްގެން ހުށަހަޅަމުންދާ ދަނޑިވަޅެއްކަމުގައި ވާތީ، ޓެކްސް ކްލިއަރަންސް ރިޕޯޓު ބޭނުންކުރާ ފަރާތްތަކުން ރިޕޯޓު ބަލައިގަތުމުގެ ކުރިން، މީރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓުގެ ސައްޙަކަން ޔަގީންކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މިފަދަ ރިޕޯޓުތަކާއި ލިޔުންތައް ފޯޖުކޮށް އިދާރާތަކަށް ހުށަހަޅަމުންދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ފަރާތްތަކުން އެ މައުލޫމާތު މީރާއާ ހިއްސާކުރުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު