ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ތަރައްޤީއަށާއި އެތަނުގައި މަސައްކަތްކުރާ މީހުން ބިނާކޮށް، ތަމްރީން ކުރުމަށް އިިންޑިއާގެ ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީއާއެކު އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

އައިޖީއެމްޗުން ބުނީ މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަރޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައި.ޖީ.އެމް.އެޗްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.



މި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗުން ޚިދުމަތް ނުލިބޭ ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުން، ބަލިމީހުން ބެލުމާއި ސާޖަރީކުރެވޭނެއެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނެހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އައިޖީއެމްޗުން ބުނެއެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ އައި.އެޗް.އެޗް ހެލްތުކެއަރގެ ދަށުން 84 ހޮސްޕިޓަލް ހިންގާ ބައެކެވެ. މި ގްރޫޕްގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ، ތުރުކީ އަދި އިންޑިއާގައި ވަނީ ޤާއިމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު