މާލޭގެ އަމީނީމަގަށް މިހާތަނަށް އެއްވެސް ބަޔަކަށް ގެނެސްދެވިފައިނުވާ ތަރައްގީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގެނެސްދޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގައި ޕްލޭނިންގ މިނިސްޓްރީއާއި އާރްޑީސީއާއިއެކު ސޮއި ކުރުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރާ ތުހުމަތުތަކަށް ރައްދު ދީ، މައުލޫމާތު ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫކޭ ވިދާޅުވީ، މިނިސްޓްރީ އާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން، މުޅިން އާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރެވިގެން ދާނެކަމަށާއި ޕަމްޕް ސްޓޭޝަންތަކާއެކު ޒަމާނީ ފެންވަރަކަށް މަގުތައް ޑިޒައިން ކުރެވިގެން ދާނެކަމަށެވެ.

އަދި އެ ޕްރޮޖެކްޓްގެ ތެރެއިން، ގޭގެ އިމާރާތް ކުރުމުގެތެރޭގައި ބޭރުކުރާ ފެން ބޭރު ކުރުމަށްޓަކައި ހާއްސަކޮށްގެން ޑީވޯޓަރިން ނެޓްވޯކެއް ވެސް އަޅާނެ ކަމަށާއި މަގުގެ މަސައްކަތް ނިމިގެން ދާއިރު ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރެވިގެން ދާނެކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓޭކްހޯލްޑަރުންނަށް ހާއްސަކޮށްގެން މަގުގެ ދެފަޅީގައި ކޭބަލް ޓްރޭ އަޅާނެކަމަށާއި އެޗްވީ ކޭބަލަށް ހާއްސަކޮށްގެންވެސް ޖަންކްޝަންތައް ބެހެއްޓޭނެކަމަށާއި، މަގުގެ މަސައްކަތް ނިމޭއިރު ބަސް ހުއްޓިތަކާއި ޕާކިން ޒޯންތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ރޭމްޕްތައް ވެސް ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއާއި މި ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ، މާލޭގެ އަމީނީ މަގަކީ މުހިންމު މަގެއްކަމަށް ވެފައި މަގަށް އަވަސް ހައްލުތަކެއް ހޯދަން ޖެހިފައިވާތީކަމަށް ސަރުކާރުން ބުނެއެވެ. ޕްލޭނިން މިނިސްޓްރީން އާރްޑީސީއަށް މި ޕްރޮޖެކްޓް ދީފައިވަނީ 84 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ކުރިން އަމީނީމަގު ޕްރޮޖެކްޓް ހިންގަން ހަވާލުކުރި އެއަށްވުރެ ދެގުނަ ކުޑަ އަގެއްގައި ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު