ޓީޖީއެސްޓީ ބޮޑުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް އޮތް ޑިމާންޑް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް،ބުނެ ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރަން ނިންމިއިރު އެކަމުން ޓޫރިޒަމް ދާއިރާއަށް ކުރާނެ އަސަރު ފުރިހަމައަށް ބަލާފައި ނުވާ ކަމަށެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދަށް ވަންނަ އާމްދަނީގެ 75 ޕަސެންޓް ހިއްސާކުރާ ދާއިރާކަން ފާހަގަކޮށްލެވެއެވެ.

މަޓާޓޯ އިން ބުނީ މިހާރު ދުނިޔޭގެ އެހެން ޖަޒީރާ މަންޒިލްތަކުގެ ބޯޑަރުތައް ހުޅުވާފައިވާއިރު ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ މަންޒިލްތަކުގެ ވާދަވެރިކަން އަނެއްކާ ވެސް ބޮޑުވެފައިވާ ކަމަށެވެެ. އެހެންކަމުން ޓީޖީއެސްޓީއާ އެކު ރޫމްތަކުގެ އަގުތައް އުފުލުމުން، ޓޫރިސްޓުން ރާއްޖެ އިހްތިޔާރު ކުރާ މިންވަރު ކުޑަވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.

މަޓާޓޯ އިން ބުނީ ޓީޖީއެސްޓީ މަތިކުރުމުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަަތިލާން ޖެހޭނީ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތައް ކަމަށްވާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކަމަށެވެެ. އަދި މިފަދަ ބަދަލެއް ގެންނައިރު ޓޫރިޒަމް ދާއިރާއަށް އެކަށީގެންވާ މުއްދަތު ދޭން ޖެހޭ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.

މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ މުހިއްމު ބަދަލެއް ގެންނައިރު އެންމެ މަދުވެގެން އަހަރެއްހާ ދުވަސް އެ ބަދަލަށް ތައްޔާރުވާން ބޭނުންވާ ކަމަށެވެ. ސަބަބަކީ ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ބުކިން ހަ މަސް ކުރިއަށް ހައްދާތީ ކަމަށް މަޓާޓޯއިން ބުންޏެެވެ.

މީގެ އިތުރުން ތެލުގެ އަގު އުފުލި ދަތުރުފަތުރުގެ އަގު ވެސް އެހާ ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އަގު މައްޗަށް ދިއުމުން ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު ކުޑަވެދާނެ ކަމަށް ބުނެ މަޓާޓޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޓާޓޯ އިން ބުނީ ޓޫރިސްޓު ރިސޯޓުތަކުގެ އަގުތައް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް ހެދުމަށްފަހު އަގުތައް ކަނޑައަޅާފައި އެބަހުރި ކަމަށެވެ.

"އެހެންވީމަ މި ގެންނަ ބަދަލުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ،" އެ ޖަމިއްޔާ އިން ބުންޏެެވެ.

މަޓާޓޯ އިން ބުނީ ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އިސްކަން ދިނުން މާ މުހިއްމު ކަމަށެވެ.

ސަރުކާރުން ވަނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު