މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގޮވާލައްވައިފި އެވެ.

މާލޭ ރައްޔިތުންނަށް ހިލޭ 3،000 ގޯތި ދޭން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވަނީ ހުށައަޅާފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށައެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ ދަަރަނި ބޮޑުވެފައިވާ ހާލަތެއްގައި ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

މިކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި "ވެށިފަހި" މާލެ ޕްރޮގްރާމްގެ ދަށުން ދޫކުރި 250 އެއްހާ ގޯތި ފިޔަވާ ފާއިތުވީ 40 އަހަރުވެސް މާލޭ އާދައިގެ ރައްޔިތަކަށް މާލޭ ސަރަހައްދުން ގޯއްޗެއް ލިބިފައި ނުވާ ކަމަށެވެ.



އެގޮތުން މުނިމާމަ އަދި ކާފަގެ ގޯތި "ފޮތިފޮތި" ކުރަމުންގޮސް، 8 ފޫޓު 10 ފޫޓު ކޮޓަރީގައި ކުރުއަތްމައްޗަށް ބޯލައިގެން ތިން ހަތަރު މީހުންނާއެކު ނިދާ މާލޭ މީހުން މަދު ނޫން ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި އުސް އިމާރާތްތައް ނިސްބަތްވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް ކަމަށާއި އެއީ މާލޭގެ އަގުލަބިއްޔަތުގެ ހާލަތު ނޫން ކަމަށް މީކާއިލް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން މި މަޝްރޫއަށް އިންތިޒާރު ކުރަމުން އަންނަތާ އެތައް، އެތައް އަހަރެއް. އެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނޭ އެއްވެސްކަމެއް ނުކުރުމަށް ވަރަށް އިހްތިރާމާއިއެކު ދަންނަވަން،" މީކާއިލް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު