އިގުތިސާދީ ހާލަތު އޮތްގޮތުން ދަރަނިން ސަލާމަތްވުމަށް ޓެކްސް ނަގާ މިންވަރު އިތުރު ނުކޮށް ވެސް އެކަން ކުރެވޭނެ ކަމަށާއި، އެކަންކަން ނުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވަންވާވަރަށް ނުބައްލަވާތީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޓީޖީއެސްޓީއާއި ޖީއެސްޓީ ނަގާ މިންވަރު އިތުރުކުރަން ނިންމާފައިވާކަން މިއަދު ހާމަ ކުރުމާއި ގުޅިގެން، އެމްޑީޕީގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ޓެކްސް ބޮޑު ކުރަން ނުޖެހޭނެކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެނާ އެއްވެސް މަޝްވަރާއެއް ނުކޮށް ޓެކްސް ބޮޑުކުރަން ނިންމެވީ. އަޅުގަނޑަކީ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ މަޖިލިސް މެންބަރެއް. އަޅުގަނޑަށް ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއް ނުގަނެވޭ. ދިމައެއް ނުވޭ. ރައީސުލްޖުމްހޫރިއްޔާ މިކަންކަން ގާތުން ނުބައްލަވާތީ މިހެންވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.



އިތުރު މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެ މިދަނީ "ދަރަން" ކަމަށެވެ. އަދި ސަރުކާރަށް ހެދޭ ގޯސްތައް ބަލައިގަނެ އަވަހަށް އެމްޑީޕީއާއި މަޝްވަރާ ކުރަން ޖެހޭ ކަމަށާއި، އެކަން އެގޮތަށް ނުކޮށްފިނަމަ ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް، އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި، ރާއްޖެއަކީ ކޯވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު