މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ސަރުކާރުން އަންގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސަރުކާރުން ދަނީ މިމަހުގެ ތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހު މިނީ ބަހުގެ ހިދުމަތް މަސައްކަތްކުރަމުންދާކަމަށް މައުލޫމާތުލިބެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަހު މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާއިރު މަޖީދީމަގާއި އަމީނީމަގާއި ފަރީދީމަގާއި އަދި އޯކިޑްމަގުގެ ދެ ފަރާތުގައި ވެސް ޕާކް ނުކުރެވޭނެ ގޮތް ހަދައިދިނުމަށް ސަރުކާރުން ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް ޕާކްކުރާނެ ތަނެއް ރައްޔިތުންނަށް ނުދައްކާ އެ ޕާކިންތައް ނެގޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސަރުކާރަށް ދަންނަވާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓަކީ ސިޓީ ކައުންސިލުންވެސް ތާއިދުކުރާކަމެއްނަމަވެސް، ސަރުކާރުން އެދުނު މަގުތައް ހުސްކުރާނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އަދި އެކަމަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދިނުމުން ސަރުކާރުން މިހާރު އުޅެނީ މާލޭގެ ހުރިހާ ޕާކިން ޒޯންތަކެއް ކައުންސިލުގެ ބެލުމުގެ ދަށުން ނަގައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އަދި އެކަމަށް ދައުލަތުގެ ބަޖެޓުގައި 16 މިލިއަން ރުފިޔާ ވަނީ މިއަހަރު ހިމަނާފައެއެވެ.



ކިޔުންތެރިންގެ ހިޔާލު