މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލު ކުރުމާއި ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލީމަނިކު (މޫކޭ) އާއި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާއުއާއި ދެމެދު ހޫނު ބަހުސެއް ހިނގައިފިއެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރުގައި ހެދުމަށް އާރްޑީސީއާއި 39 މިލިއަނަށް ހަވާލު ކޮށްފައެވެ. އެ ޕްރޮޖެކްޓްގެ ތެރޭގައި އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުންވެސް ހިމެނޭކަމަށް ސިޓީ ކައުންސިލުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.

ނަމަވެސް، ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ 84 މިލިއަން ރުފިޔާއަށް އަމީނީމަގު ތަރައްގީކުރަން އަނެއްކާވެސް އާރްޑީސީއާއި ހަވާލު ކޮށްފައެވެ. އެހެންކަމުން، މޭޔަރ މުއިއްޒު މިކަން ސިފަ ކުރައްވާފައިވަނީ ބޮޑު ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައެވެ. މުއިއްޒުގެ އެ ތުހުމަތާއިއެކު ރައްދުގައި މޫކޭ ވިދާޅުވީ، އަމީނީ މަގު ހެދުމަށް މިނިސްޓްރީއާއެކު އާރުޑީސީން ސޮއިކޮށްފައި ވަނީ މުޅިން އާ ޕްރޮޖެކްޓެއްގައި ކަމަށާ، އެއީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރގެ މުޅިން އައު ނިޒާމެއް ގާއިމުކޮށް ޖުމްލަ ހައްލެއް އަމީނީ މަގަށް ގެނައުމަށް ހަވާލުވި ޕްރޮޖެކްޓެއް ކަމަށެވެ. އަދި އަމީނީ މަގު ތަރައްގީކުރަން ސިޓީ ކައުންސިލާއެކު ސޮއި ކޮށްފައި ނުވާނޭކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

މޫކޭ އެފަދައިން ވިދާޅުވުމުން، ސުޖާއު ޓްވިޓާގައި ރައްދުދެއްވަމުން ވިދާޅުވީ، މޫކޭ ތެދެއް ނުހައްދަވާނެކަމަށާއި މާލޭގެ މަގުތައް ހަލާކު ކުރުމުގެ ޒިންމާ ނަގަންޖެހޭނީ އާރްޑީސީން ކަމަށެވެ. އަދި އެ ކުންފުނި މިހާރު އޮތީ ބަނގުރޫޓް ވެފައިކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.

އެއާއި ގުޅިގެން މޫކޭ ސުޖާއުއަށްވެސް ރައްދު ދެއްވިއެވެ.

"މިއީ ރޮކެޓް ސައިންސެއް ނޫން. އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއް އޮތް ނަމަ ސިޓީ ކައުންސިލް ގައިވެސް އޭގެ ކޮޕީ އޮންނާނެ. ރުޅި ނައިސް ރައްޔިތުންނަށް ހާމަ ކޮށްލީމަ ދޮގުހަދާ ބަޔަކު އެނގޭނެ. 2022 ވަނަ އަހަރު ފުރަތަމަ ކުއާޓާއިން ފެށިގެން އާރުޑީސީ އަކީ ފައިދާވާ ކުންފުންޏެއް." މޫކޭ ވިދާޅުވިއެވެ.



ސުޖާއު ދެން ވިދާޅުވީ، ސިޓީ ކައުންސިލާއި އާރްޑީސީއާއިއެކު ހެދި އެއްބަސްވުން އެބަ އޮތްކަމަށާ މީޑިއާ ކުރިމަތީ އެއްބަސްވުން ބަލާލަން މޫކޭއަށް ދައުވަތު އަރުވާކަމަށެވެ. ސުޖާއުގެ ދައުވަތަށް މޫކޭ ވެސް ވިދާޅުވީ، ސުޖާއު ބޭނުންވަގުތަކަށް މޫކޭ އެކަމަށް ވަގުތު ހުސްކޮށްލައްވާނެކަމަށާއި "މީޑިއާއަށް އެއްބަސްވުން ދައްކާލަން" ވާނެކަމަށެވެ.

އަމީނީމަގު ޕްރޮޖެކްޓްގެ ބަހުސް ހޫނުވެފައިވާއިރު، އާރްޑީސީން ސިޓީ ކައުންސިލާއެކު ކުރިން ސޮއި ކުރި އެއްބަސްވުމުގެ ދަށުން އަމީނީމަގުގައި ތާރު އަޅާ ތަރައްގީ ކުރުން ހިމެނޭކަމަށް އެއްބަސްވުމުގައި ސޮއި ކުރި ދުވަހު މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އެކަން އާރްޑީސީން އޭރު ދޮގުވެސް ކޮށްފައެއް ނުވެއެވެ. ކުޑަ އަގަކަށް ހަވާލު ކުރި ޕްރޮޖެކްޓެއް ދެގުނަ ބޮޑުއަގުގައި އަލުން ސަރުކާރުން އާރްޑީސީއަށް ދިނުމުން، މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އެމްޑީޕީ މެންބަރެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ މިހާރު މި ފެންނަނީ މައި ސަރުކާރުން ނުފޫޒު ހިންގައިގެން ކުރާ ކަންކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެންދާތަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު