ރާއްޖޭގައި ވަޒީފާނެތް ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކާއި ގުޅިގެން "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް" ތައާރަފުކުރަން ދިވެހި ސަރުކާރުން ވޯލްޑް ބޭންކާއެކު ސޮއިކޮށްފިއެވެ.

ސަރުކާރުން މިއަދު ހާމަކުރިގޮތުގައި، ވަޒީފާނެތް ފަރާތްތަކަށް ހާއްސަ އިނާޔަތެއް ދިނުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ. އެގޮތުން އެފަދަ ފަރާތްތަކަށް އެހީވުމުގެ ގޮތުން އަންއެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއް ތައާރަފުކުރުމަށާއި، "އެކްޓިވް ލޭބަރ މާރކެޓް ސާރވިސަސްގެ ހިދުމަތް ތައާރަފުކޮށް ފުޅާކުރުމަށް "ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓަޑް ލޭބަރ ސާރވިސަސް" ނުވަތަ "ސެއިލްސް ޕްރޮޖެކްޓް" ހިންގުމަށް ވޯލްޑް ބޭންކާއެކު މިއަދު ސޮއިކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި ވާލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ވާލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރ ފޯރ މޯލްޑިވްސް ފާރިސް ހަދާދް-ޒާރވޮސްއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ގާއިމުކުރާނެ ކަމަށާއި އަދި އެއް ވިއުގައަކުން ވަޒީފާގެ ބާޒާރާ ގުޅުންހުރި ހިދުމަތްތަށް ނުވަތަ "އެމްޕްލޯއިމަންޓް ސާރވިސަސް" ގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވާލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މި ހިދުމަތްތައް ލިބޭނެގޮތް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބް ސެންޓަރުތައް ގާއިމުކުރުން ހިމެނޭކަމަށާއި މީގެ އިތުރުން ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވާޒީފާއަށް ބޭނުންވާ ހުނަރާއި ތަމްރީނުގެ އެކިއެކި ފުރުސަތުތައް ހުޅުވާލައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ސްކީމަށް ހުށަހަޅާ ފަރާތްތަކުން އަނބުރާ ވަޒީފާގެ މައިދާނަށް ނެރުމަށް ބޭނުންވާ އެހީތެރިކަން ދިނުންވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު