ކަޅު ބާޒާރުގައި ތެޔޮ ވިއްކާތީ އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ، އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، އެފްއެސްއެމްގެ ފިއުލް ޝެޑްތަކުންނާ، މަސްވެރިންނަށާ، ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދަނީ ސަބްސިޑައިޒްޑް ނުވަތަ އަސްލު އަގަށްވުރެ ހެއު އަގެެއްގައި ކަމަށެވެ.

ނަމަވެސް އެ ކުންފުނިން ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައި ކަމަށާ، މިކަން ކުރަމުންދާއިރު ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަ ކުރެވިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މައްސަލަ ހައްލު ކުރުމުގެ ގޮތުން، އެސްޓީއޯއިން މިހާރުވަނީ ފިޔަވަޅުތަކެއްެ އަޅަން ނިންމާފައެވެ. އެގޮތުން، މިކަންހުއްޓުވާ، އަދި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގައި އަގު ބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި، ބޭނުންވާ ވަރަށްވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫނުކުރަން މިހާރު ނިންމާފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، ދުނިޔެއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ހީނަރުކަމާއެކު ތެލުގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައިވެސް ތެޔޮ ވިއްކާ އަގުތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު