އަލަށް އަޅާ ދަރުމަވަންތަ ސްކޫލާއި އިންވެގެން ހުރި މާލޭ ޖަލު ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުސްކުރާނޭކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް އަޅަނީ ވިލާ ކޮލެޖް ކުރިމަތިން މާލެ ޖަލާއި ޖެހިގެނެވެ. އެ ސްކޫލްގެ މަސައްކަތް ނިމެން ކައިރިވެފައިވާއިރު، ސްކޫލާއި ޖެހިގެން ކުށްވެރިން ބައިތިއްބާ ޖަލެއް ހުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ހޯމް މިނިސްްޓްރީން ބުނި އަންނަ މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މާލެ ޖަލުގައި ތިބި ކުށްވެރިން އެހެން ތަނަކަށް ބަދަލުކޮށް، ޖަލު ހުސްކުރާނެކަމަށެވެ. އެގޮތުން މިހާރު މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށްގެން ނަމަވެސް އަދި ހުޅުމާލޭގައި މަރާމާތު ކުރަމުންދާ ޖަލުގެ މަސައްކަތް ނިންމައިގެން ނަމަވެސް ދިރާސީ އަހަރު ކިޔެވުން ފަށާއިރަށް އެކަމަށް ހައްލު ގެނެވޭނެކަމަށް ހޯމް މިނިސްްޓްރީން ބުންޏެވެ.

ދިރާސީ އައު އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ސްކޫލުތަކުގެ ކިޔެވުން ފަށާއިރު ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގައި ކިޔެވުން ފެށުމަށް ދަނީ ތައްޔަރުވަމުންނެވެ.

ދަރުމަވަންތަ ސްކޫލްގެ ކިޔެވުން ކުރިއަށްދިޔަ އިމާރާތް ބާވެ ބޭނުންނުކުރެވޭވަރު ވުމުގެ ސަބަބުން 2016ވަނަ އަހަރުން ފެށިގެން ކިޔަވައި ދެމުން ދިޔައީ ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައިގެނެވެ.



ކިޔުންތެރިންގެ ހިޔާލު