އާމްދަނީ އިތުރުކުރުމަށް މަޝްވަރާކުރަމުންދާކަމަށާއި، ނަމަވެސް ޓެކްސްތައް ބޮޑުކުރާކަށް ނިންމާފައި ނުވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ އޮފިޝަލަކު މިހެން ވިދާޅުވެފައި މިވަނީ ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން މަޝްވަރާކުރަމުންދާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ސަރުކާރުން ދަނީ ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ. އެގޮތުން ޓުއަރިޒަމް ދާއިރާގެ އެކި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާގޮތުން އެ މަޝްވަރާތަކުގައި ޓެކްސް ބޮޑުކުރުމަށް ވަނީ ވަހަކަ ދައްކާފައެވެ.

ނަމަވެސް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދަނީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށްކަމަށެވެ. ނަމަވެސް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން މިހާތަނަށް ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު މަޝްވަރާކުރަމުންދާ ކަންކަމަށް ފަހު އޭގެ މައުލޫމާތު ސަރުކާރުން ހާމަކުރައްވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހަރަދުތައް ކުޑަކުރުމަށްވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅު ތަކާއެކު މިއަހަރު ވެސް އިގްތިސާދީ ކުރިއެރުން ރާއްޖެއަށް ހޯދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު