ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުން އަންނައިރު ހިދުމަތް ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް ހިދުމަތުގެ ފެންވަރު މަތިކުރަން ޖެހިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯއާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުން އިތުބާރު ކުރާ ފަދަ ކުންފުންޏަކަށް އެކުންފުނި ހެދުމަށްޓަކައި، އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިއަދު ފެށި ކަސްޓަމަރ ސާވިސް އެކްސެލެންސް ޓްރެއިނިންގ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަބަދުވެސް ރައްޔިތުންގެ ކުރިމަތީގައި ސްޓެލްކޯ އޮންނަނީ ބަދުނާމުވެފައި ކަމަަށާއި އެކަން ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެެވެ.

ޝަރީފް ވިދާޅުވީ ކަރަންޓް މިނެޓަކަށް ކެނޑުނު ނަމަވެސް އަދި ބިލު ބޮޑުވި ނަމަވެސް ސްޓެލްކޯއަކީ ހިންގުންތެރި ތަނަކަށް ނުވާ ކަމަށް ހިދުމަތް ލިބިގަންނަ މީހާ ދެކޭކަމަށެވެ. އަދި މިގޮތަށް ކަންވެގެންދާ ކޮންމެ ފަހަރަކީ ސްޓެލްކޯގެ މެނޭޖްމެންޓާއި ސްޓާފުންނަށް ނޭދެވޭ އެތައްބަސްތަކެއް ރައްދު ވެގެންދާ ފަހަރެއް ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިގޮތަށް މެދުވެރިވާ ކަންކަން ބަދަލުކުރާނެ ގޮތަކާމެދު ވިސްނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަން ބަދަލުކުރުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން އެ ވިސްނުން ބަދަލުކުރުމުގެ ހެޔޮ ނިޔަތް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން އެކަން ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ޝަރީފް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު