މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، އަމީނީ މަގު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޮމްޕެނީ (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ، މި މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި، މި މަސައްކަތުގެ އަގަކީ 84 މިލިއަން ރުފިޔާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލީމަނިކެވެ.

މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ރޯޝަނީ މަގުގެ މަސައްކަތް ނިމިފައިވާ އިރު، ބަޖެޓު ނުލިބޭތީ ކަމަށްބުނެ އިތުރު މަގެއްގެ މަސައްކަތް ނުފެށި ހަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު