ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފޯމް ހުށަހެޅުމަށް ހުޅުވާލި ގެދޮރުވެރިން ޕޯޓަލަށް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 3000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމެއް ތައާރަފްކޮށްފައިވާއިރު، މިހާތަނަށް ވަނީ ދެ ސްކީމެއް ތައާރަފްކޮށްފައެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް ތައްޔާރުކޮށް، މިދިޔަ އާދީއްތަދުވަހު ވަނީ "ގެދޮރުވެރިން ޕޯޓަލް" ލޯންޗުކޮށްފައެެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ހައުސިންގ މިނިސްޓްރީން ބުނީ މިހާތަނަށް އެ ޕޯޓަލް މެދުވެރިކޮށް 3219 ފޯމް ލިބިފައިވާކަމަށެެވެ. ސަރުކާރުން ތައާރަފްކޮށްފައިވާ ސްކީމްގެ ސަބަބުން ފްލެޓް ފޯމްލުމަށް ދިގު ކިޔޫތަކުގައި ތިބުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ.

މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެއެވެ.

ޕޯޓަލްއަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މިޕޯޓަލްގައި ހިމެނެއެވެ. މި ޕޯޓަލްގެ ލޮގިންއަކީ https://gedhoruverin.gov.mv/ އެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗެވެ. އަދި އެ ފްލެޓްތަކާއި ގޯއްޗަށް ކުރިމަތިލުމުގެ އުސޫލުތައްވެސް ވަނީ މިހާރު އާއްމުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު