އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ އޯޑިއޯން ސިނަމާ އަދި ނާދީ ހުރި ބިމުގައި އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓްތައް ގަތުމަށް ހުޅުވާލައިފިއެވެ.

މި ފްލެޓްތަކުގެ މަސައްކަތް ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. "ލަގްޒަވަން- އޯޑިއޯން" ގެ ނަމުގައި ހަދާ މި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން 100،000ރ. ދައްކަން ޖެހެއެވެ.

އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ބޮޑު މިނުގައި 415.17 އަކަފޫޓް ހުންނައިރު އެ ފްލެޓްތަކުގެ އަގަކީ 2.3 މިލިއަން ރުފިޔާއެވެެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ތެރޭގައި 1048.09 އަކަފޫޓާއި 982 އަކަފޫޓުގެ ތަންތަން ހިމެނޭއިރު، އެ ތަންތަނުގެ އަގު އުޅެނީ 4 މިލިއަން ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގައެވެ.

ސަރުކާރު މުވައްޒަފުންގެ ނާދީ ހިންގި ބިމާއި ކުރީގެ އޯޑިއޯން ސިނަމާ ހިންގި ބިން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް، އެކަމާއި ގުޅޭގޮތުން ހެދި އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މި ބިންތައް އަތުލާފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މި ބިންތަކާއި ޅ. އަތޮޅު ޅޮއްސަލަފުށި ޓާޓާ ކުންފުންޏަށް ދީފައިވަނީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގ ފްލެޓު އަޅަން ޝަރުތުކޮށްފައެވެ. އެފްލެޓްތައް އެޅުމުގައިވެސް ތަފާތު މައްސަލަތައް މެދުވެރިވެ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމަށް ވެސް ވަނީ ބަދަލުތައް ގެނަސްފައެވެ.

ރައީސް ޔާމީން ވެރިކަމުގައި ނާދީ އާއި އޯޑިއޯން ބިން އަތުލީ އެ ބިންތަކުގައި މަސައްކަތް ފެށުމަށް ދީފައިވާ މުއްދަތުގައި ޓާޓާ ކުންފުނިން މަސައްކަތް ނުފެށުމުންނެވެ. ޓާޓާއިން އޭރު ނިންމާފައި އޮތީ އެ ދެ ބިމުގައި ލަގްޒަރީ ފްލެޓްތަކެއް އެޅުމަށެވެ.

ޓާޓާ ކުންފުންޏަށް ދީފައިވާ ބިންތައް އަތުލި މައްސަލައިގައި އެކުންފުނިން ވަނީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް މައްސަލަވެސް ހުށަހަޅާފައެވެ. އެކުންފުނިން ވަނީ އެއްބަސްވުން ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުގައި ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ވަނީ މިމައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް، އެއްބަސްވުމާއި އެއްގޮތަށް ޓާޓާއާއެކު ކުރިއަށްދާން ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު