އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙާ އެކު މަސައްކަތް ކުރަން ދަތިކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރުވަނީ އިއުލާންކުރަށްވާފައެވެ. އަދި މިކަމާ ގުޅިގެން ބައެއް އިސް ބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކުރަށްވާކަން ހާމާކުރަށްވަމުންނެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސީ ހަޔާތްޕުޅުން ރައީސަށް އޭނާ ދޫކޮށް ނުލެއްވުނަސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިޙާއެކު މަސައްކަތް ކުރަން އޭނާއަށް ދަތި ކަމަށެވެ. ރައީސް ސާލިޙާއެކު އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.



"2023 ގެ ރިޔާސީ އިންތިހާބުގައި ރައީސާއެކު މަަސައްކަތް ކުރަން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާ ކުރެވެނީ ރައީސަށް އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދެއްވެން ނެތް ކަމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިއުލާންކުރައްވައި ރައީސް ސާލިޙު މީގެ ކުރިން ވިދާޅުވީ އެމްޑީޕީން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާނަމަ އެމަނިކުފާނަކީ "ޗޮއިސް" އެއް ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއްގެ ތެރެއިން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު