މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި ފާހަގަނުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބިނާކޮށްފައިވާ ”މަސްޖިދު ރަޝީދު” ހުޅުވަން، މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއް ނިޔާވުމަށްފަހު ދެމިގެންދާނެ ގޮތަކަށް ދަރުމަޔާއި ސަވާބު ލިބޭނެކަމެއްވުން އެއީ ކޮންމެ ބޭފުޅެއްގެވެސް އުންމީދެއްކަމަށެވެ. އަދި މައްޔިތާ މަރުވުމަށްފަހު ކޮށްދެވޭ ހެޔޮކަންތައްތަކަށް ބައްލަވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި އެތަނެއް ފާހަގަނުވާނެކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަލަށް މި ހުޅުވުނު މިސްކިތުގައި ނަމާދުކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މި މިސްކިތަށް ހިނގާ ހުރިހާ ޚަރަދެއް އާރު.ސީ.ސީން ކުރަން ނިންމާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

1000 މީހުންނަށް ނަމާދުކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށްވެސް ވަކިން ނަމާދުކުރެވޭނެއެވެ.

3 ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތް ފަރުމާކޮށްފައިވަނީ ޕާކިންގ އޭރިއާއަކާވެސް އެކީގައެވެ. މިސްކިތަށް ބޭނުންވާ ކަރަންޓް އިޔާދަކުރަނިވި ހަކަތައިން ލިބޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތް މިރޭ އިޝާނަމާދުން ފެށިގެން ވަނީ އާންމުންނަށް ނަމާދުކުރުމަށް ހުޅުވާލެވިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތް ހުޅުވުމާއިއެކު އެ އެސަރަހައްދުގައިހުރި ވަގުތީ މިސްކިތް ބަންދުކޮށްފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު