ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމުގެ ސަބަބުން 6 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި، އުދައެރުމާއި ގުޅޭ ގޮތުން އެންޑީއެމްއޭއިން އާންމުކުރި އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު އިއްޔެއާއި މިއަދު 11 އަތޮޅެއްގެ 34 ރަށަށް އުދައެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ހާމަވެއެވެ.



އެގޮތުން މިހާތަނަަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާކަމަށާއި، ގެއްލުންތައް ދެނެގަތުމުގެ މަސަައްކަތް ކައުންސިލްތަކުން ކުރިއަށް ގެންދާކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އެންޑީއެމްއޭއިން ބުނިގޮތުގައި އުދައިގެ ސަބަބުން މިވަގުތު 3 ރަށަކުން 6 އާއިލާއެއް ތިބީ ކައުންސިލް އިދާރާގެ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައެވެ.

އެންޑީއެމްއޭއިން ބުނީ އައްޑޫސިޓީގެ މަރަދޫއަށް އުދައަރައި 50 ގެއަކަށް ގެއްލުންވެ، އެއް އާއިލާއެއް ކައުންސިލްގެ ވަގުތީ ބޯހިޔާވަހިކަމުގައި ތިބިކަމަށެވެ. އަދި އައްޑޫސިޓީ މަރަދޫފޭދޫގެ 30 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، ހިތަދޫއަށް އުދައިގައި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާ އިން ހާމަކުރެއެވެ.

މީގެއިތުރުން ތ. ތިމަރަފުއްޓަށް އުދައަރައި އެއް އާއިލާއެއް ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި ކަމަށާއި، ގދ. މަޑަވެއްޔަށް އުދައަރުމުގެ ސަބަބުން 4 އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި ތިބި ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ވަރަށް ގިނަ ރަށްތަކަށް ދަނީ އުދައިގެ އަސަރުކޮށް ބޮޑެތި ގެއްލުންތަށްވަމުންނެވެެ.



ކިޔުންތެރިންގެ ހިޔާލު