ގާނޫނީ ވަކީލުންނާ ގުޅޭ ކަންކަން ބަލަހައްޓާ ބާ ކައުންސިލް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމެޓީގެ ދެވަނަ ބުރުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފިއެވެ.

ބާ ކައުންސިލުން މިއަދު ބުނީ، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އަލަށް އިންތިހާބުވެފައިވަނީ، ޢަލީ ޢަބްދުއްލަޠީފް، ދީނާ ޙުސައިން އަދި އާއިޝަތު މުނީޒާކަމަށެވެ. އޮންލައިންކޮށް ވެސް ވޯޓް ލެވޭގޮތަށް ކުރިޔަށް ގެންދިޔަ މި ވޯޓްގައި، ޢަލީ ޢަބްދުއް ލަތީފަށް ލިބިފައިވަނީ 234 ވޯޓެވެ. އަދި ދީނާ ޙުސައިންއަށް 241 ވޯޓް ލިބުން އިރު އާއިޝަތު މުނީޒާއަށް ލިބިފައިވަނީ 171 ވޯޓެވެ.

މި އިންތިހާބުގައި ދެން ވާދަކުރީ، މަރްޔަމް ނިހާޔަތާއި ޙަސަން ފަލާހެވެ. އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވަނީ ޖުމްލަ 844 އާންމު މެންބަރުން ކަމަށް ބާ ކައުންސިލުން މައުލޫމާތު ދެއެވެ. ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް ހަ މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އެ މަގާމުތަކަށް ކުރިމަތިލީ ފަސް ވަކީލެކެވެ. ކުރިމަތިލީ ފަސް ވަކީލުންގެ ތެރެއިން އިންތިހާބުވާ މިންވަރަށް ވޯޓް ލިބިގެން ހިންގާ ކޮމިޓީއަށް އިންތިހާބުވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު، އިބްރާހީމް ޝަމީލް އަދި ސާދިހު ނަސީރެވެ. މިއަދު އިއުލާނު ކުރީ ބާކީ 3 މަގާމަށް ހޮވުނު ފަރާތްތަކެވެ.



އެ ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މިދިޔަ ޖޫން މަހުގެ 11 ގައިވަނީ ބަޔަކު އިންތިހާބު ކޮށްފައެވެ. އެގޮތުން ރައީސްކަމަށް ހޮވިފައިވަނީ އިސްމާޢީލް ވިސާމެވެ. ނާއިބު ރައީސަކަށް ހޮވިފައިވަނީ މިޒްނާ އަޙްމަދެވެ.



ކިޔުންތެރިންގެ ހިޔާލު