މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރު ކުރަމުން ދަނިކޮށް، ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ، ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެއް ކަމަށާ މި ބާޖުގެ ސްޓަރބޯޑް ސައިޑްގައި ފެހި ލައިޓެއް، އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން އިރަށް ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.

އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ، މި ބާޖާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 އާއި ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު