އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ދަށުން، ހއ. އަތޮޅުގައި ހައިސްޕީޑް ފެރީގެ ހިދުމަތް މި ހިނގާ ޖޫން މަހުގެތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް މިރޭ ވިދާޅުވީ، ހއ. އަތޮޅުގެ ފެރީގެ ހިދުމަތް މި މަސްތެރޭ ފެށޭތޯ މަސައްކަތް ކުރަމުން ދާކަމަށާއި، އަދި ށ. އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން އެ ހިދުމަތް ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށެވެ.

އެގޮތުން ވެރިކަމުގެ މި ދައުރުގެ ތެރޭގައި ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ދޭން މަސައްކަތް ކުރަމުން ގެންދަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ނިޒާމް ފެށިގެން މިދަނީ ވަރަށް ގިނަ ޗެލެންޖްތަކާއެކު ކަމަށާއި އެ ކުންފުނިން ހިދުމަތްތައް ފަށަނީ ވަރަށް ގިނަ ތައްޔާރީތަކެއް ވެގެން ކަމަށެވެ.

"ހަމައެކަނި ލޯންޗްތަކެއް ބަނދެފަ ކަނޑުމައްޗަށް ލަނީކީ ނޫން. އަލަށް މުވައްޒަފުން ނަގައިގެން، އެ މުވައްޒަފުން ތަމްރީނު ކޮށްގެން އެމްޓީސީސީގެ ކަލްޗަރ އަށް ހާނުވައިގެން މިކަންކަން މިކުރަނީ." އާޒިމް ވިދާޅިވިއެވެ.

އާޒިމް ވިދާޅުވީ، ހދ. އަތޮޅުގައި މި ހިދުމަތް ފެށުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެގޮތުން ނެގި މުވައްޒަފުންނަށް 1 މަސްދުވަހުގެ ތަމްރީނުތަކެއް ދެވުނުކަމަށެވެ. އެ ތަމްރީނުތަކުގެ ތެރޭގައި، ކުރޫ ޓްރޭނިންގއާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތް ދޭނެ ގޮތްތައް ފަދަ މައުލޫމާތުތައް ދެވިފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.



ރާއްޖޭގެ ފުރަތަމަ ހައިސްޕީޑް ފެރީގެ ހިދުމަތް ސަރުކާރުން ފެށީ މިމަސްތެރޭގައެވެ. އެ ހިދުމަތް އެންމެ ފުރަތަމަ ހދ. އަތޮޅުގައި ފެށިނަމަވެސް، ސަރުކާރުގެ އަމާޒަކީ ހުރިހާ އަތޮޅެއްގައިވެސް މި ހިދުމަތް ފެށުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން