2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާނެ ސިޓީތައް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހާމަކޮށްފިއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ އުތުރު އެމެރިކާ ބައްރުގެ 3 ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ.މިއީ 3 ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ 32 ޓީމުގެ ބަދަލުގައި 48 ޓީމާއެކު ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.

ބުދަދުވަހު ފީފާއިން ވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް މެޗުތައް ކުރިއަށްދާނެ 16 ސިޓީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ 11 ސިޓީ، މެކްސިކޯގެ 3 ސިޓީ އަދި ކެނެޑާގެ 2 ސިޓީއެވެ.

އެމެރިކާގެ ސިޓީތަކުގެ ތެރެއިން ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާނީ، ނިއުޔޯކް، ލޮަސްއެންޖަލަސް، ޑަލާސް،.ސެންފްރެންސިސްކޯ، މަޔާމި، އެޓްލާންޓާ، ސެއާޓްލް، ހިއުސްޓަން، ފިލަޑޭފިއާ، ކަންސަސް، އަދި ބޮސްޓަން ސިޓީގައެވެ.

މެކްސިކޯގައި މެޗުތައް ކުރިއަށްދާނީ، މޮންޓެރީ، ކުއާޑަލަރަޖާ އަދި މެކްސިކޯ ސިޓީގައެވެ. ކެނެޑާގައި ކުރިއަށްދާ މެޗުތައް އޮންނާނީ ޓޮރޮންޓޯ އަދި ވެންކޫވާގައެވެ.

މި ސިޓީތަކުގެ ތެރެއިން ގްރޫޕް ސްޓޭޖްތަކުގެ މެޗުތަކާއި ނޮކްއައުޓް މެޗުތައް ކުރިއަށްދާނެ ސިޓީތައް ފީފާއިން ފަހުން އިއުލާންކުރާނެއެވެ.

މިއީ 1994 ވަނަ ވޯލްޑް ކަޕް ބެޭއްވި އެމެރިކާގައި ބާއްވާ 2 ވަނަ ވޯލްޑް ކަޕެވެ. އަދި 1970 އަދި 1986 ވަނަ އަހަރު ވޯލްޑްކަޕް ބޭއްވި މެކްސިކޯގައި ބާއްވާ 3 ވަނަ ވޯލްޑް ކަޕެވެ. އަދި ކެނެޑާގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.

ތަޖުރިބާކާރުން ބުނާގޮތުން ވޯލްޑް ކަޕް ބާއްވާ ސިޓީތަކަށް، ކޮންމެ ސިޓީއަކަށް 160 މިލިއަނާއި 620 މިލިއަންގެ ޑޮލަރުގެ އާމްދަނީއެއް ވޯލްޑް ކަޕްގެ ސަބަބުން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން