އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ ހަމަޖައްސައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ލީސިން ޕާޓްނަރަކަށް މިފްކޯ ހަމަޖެއްސުމަށްޓަކައި މިއަދުވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތާއި ގުޅިގެން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާން ވިދާޅުވީ މިފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިގޮތަށް ރެކް ލީސް ކުރާ ފުރަތަމަ ކުންފުންޏަކީ އެސްޓީއޯ ކަމަށް ވެސް ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި މިފްކޯއިން ވަނީ ޑްރެއިންޑް ކަނޑުމަސް ޗަންކްސް މަސް ދަޅު ވެސް ތައާރަފު ކޮށްފައެވެ. މިފްކޯއިން ބުނާގޮތުގައި މި މަސްދަޅަކީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅެކެވެ. އަދި މިއީ މި ބާވަތުގެ މަސްދަޅު ބާޒާރަށް ނެރޭ ފުރަތަމަ ފަހަރު ކަމަށް މިފްކޯއިން ބުނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ ހަމަޖައްސާފައިވާއިރު މިފްކޯގެ އުފެއްދުންތައް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލިބޭނެއެވެ. އެސްޓީއޯ އިން ބުނީ އިތުރު ފަރާތްތަކާއެކު ވެސް މިފަދައިން ރެކްތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު