އެމްޓީސީސީގެ އައު ބަސްތައް ރަސްމީކޮށް ބަހުގެ ޚިދުމަތާއި ގުޅި އައު 2 ބަސްރޫޓެއްގެ ޚިދުމަތް ދިނުމަށް ތާވަލުކޮށްފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައި ބަހުގެ ޚިދުމަތާއި ގުޅުނު އައު ބަސްތައް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިހުއެވެ.

މި ބަދަލާއެކު 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ތަޢާރަފު ކުރި ބަހުގެ ޚިދުމަތް ފުޅާވެ، ގްރޭޓަރ މާލެ ސަރަހައްދުގައި މިހާރު ދެމުންގެންދާ 6 ރޫޓުގެ ބަދަލުގައި 8 ރޫޓެއްގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.



މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ވެސްޓް ޕާރކަށް ދަތުރުކުރާ ޑައިރެކްޓް ބަސް ރޫޓް މިހާރު އޮޕަރޭޓް ކުރަމުންދާ އަވަސްމިން ޕީކް ގަޑީގައި 15 މިނިޓަށް އަދި އޮފް ޕީކް ގަޑީގައި 20 މިނެޓަށް ބަދަލުވެގެންދާނެއެވެ. އަދި ފްލީޓަށް އިތުރުކުރެވޭ 15 ޑަބަލް ޑެކަރ ބަސްތަކާއެކު ޖުމްލަ 46

ބަހެއް ޚިދުމަތުގައި ދެން ބޭނުންކުރާނެއެވެ.

މި އައު ބަސް ރޫޓްތަކުގެ ޚިދުމަތުގެ އަގަކީ ޕަސިންޖަރަކަށް 15 ރުފިޔާއެވެ. އަދި މިހާރުވެސް ބޭނުންކުރަމުންދާ ބަސް ކާޑު އައު ރޫޓުތަކުން ޚިދުމަތް ހޯދުމުގައިވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެއެވެ.

އިތުރުކުރެވުނު ބަސްތަކާއެކު ގްރޭޓަރ މާލެ ސަރަހައްދުގެ ރައްޔިތުންނައް އަދި ވަކިން ޙާއްސަކޮށް ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ޚިދުމަތް ހޯދުމުގައި ދިމާވަމުންއައި ދަތިތަކަށް ހައްލު ލިބި، އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އައު ބަސް ރޫޓު ތަކުގެ ތަފްޞީލާއި ބަސް ރޫޓުތަކުން ޚިދުމަތް ދެވޭ އަވަސްމިން އެމްޓިސީސީން ވަނީ އާއްމުކޮށްފައެވެ. އަދި މި ޚިދުމަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމުން ލިބޭނެކަމަށް އެމްޓިސީސީން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިޞިއްޔަތުން، އެމްޓިސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުތަކެއްގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެ ކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު