މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، ދިވެހި އަންހެން ދަރިވަރަކު މަރުވި އެކްސިޑެންޓާއި ގުޅިގެން އެ ކާރު ދުއްވަން އިން ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފިއެވެ.

މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، ނިޔާވެފައިވަނީ ސ. ހިތަދޫ، އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރު އާމިނަތު އިމީލީ ނާޒިމް އެވެ. މިއެކްސިޑެންޓް ހިނގީ އިމިލީ މޯލްއަކަށް ގޮސްފައި ޓެކްސީއެއްގައި އެނބުރި ގެއަށް ދަނިކޮށް ޓެކްސީ ކޮންޓްރޯލުން ނެއްޓިގޮސް އެހެން ކާރެއްގައި ޖެހި ޓެކްސީ ބަންޑުންޖަހާލުމުގެ ސަބަބުން މެލޭޝިޔާގެ ފުލުހުން ބުނެއެވެ.

މެލޭޝިޔާގެ ފުލުހުން ބުނީ ރޭ ގާތްގަނޑަކަށް 8:48 ހާއިރު އެ އެކްސިޑެންޓު ހިނގީ ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށް ކަމަށެވެ. އެކްސިޑެންޓް ހިނގީ 34 އަހަރުގެ މީހަކު ދުއްވި ޕްރޮޓޯން އެސް70 މަރުކާގެ ކާރު އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، 37 އަހަރުގެ ޓެކްސީ ޑްރައިވަރު ދުއްވި ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ޕްރޮޓޯން ކާރުގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހުމުންކަމަށް މެލޭޝިޔާގެ ފުލުހުން ބުންޏެވެ. އަދި މިއެކްސިޑެންޓްގައި ޖެހުނުލެއް ބާރުކަމުން ޓެކްސީ މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހުނު ކަމަށާއި މި ކާރުގައި ދަތުރުކުރަމުން ދިޔައީ ކްލަންގް ވެލީގެ އަމިއްލަ ކޮލެޖެއްގައި ކިޔަވަމުން އަންނަ ރާއްޖޭގެ ދެ އަންހެން ދަރިވަރުން ކަމަށް މެލޭޝިޔާގެ ފުލުހުން ބުނެފައިވެއެވެ.

އިމީލީއަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ހާދިސާ ހިނގި ތަނުގައި އޭނާ ނިޔާވެފައިވާކަން މެލޭޝިޔާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއެކްސިޑެންޓާއި ގުޅިގެން ޓެކްސީ ދުއްވަން އިން 37 އަހަރުގެ ޑްރައިވަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މެލޭޝިޔާގެ ފުލުހުން ބުންޏެވެ. އަދި އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައިވާ ކަމަށް މެލޭޝިޔާގެ ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލަ އާއި ގުޅިގެން ތަހުގީގަށް 4 ދުވަހަށް އޭނާ ބަންދުގައި ބަހައްޓައިގެން ތަހުޤީޤުކުރުމަށް މެލޭޝިޔާގެ ކޯޓަކުން ވަނީ އަމުރުކޮށްފައެވެ. މި ހާދިސާގައި ޓެކްސީގައި އިން އަނެއް ދިވެހި ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެއް މެލޭޝިޔާގެ ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްގައި ނިޔާވި އިމިލީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި ޝާހް އާލަމް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް މިހާރު ގެންގޮސްފައިވާ ކަމަށް މެލޭޝިޔާގެ ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް