ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް މާލީ އެހީ ހޯދުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރެއްވި މަސަައްކަތްޕުޅުން ވެސް ގައުމުތަކުން އެހީ ނުވިކަމަށް ބުނެ އިދިކޮޅު މަޖިލިސް މެންބަރަކު ދެއްކެވި ވާހަކަތަކަށް ރައީސް ނަޝީދު ރައްދު ދެއްވައިފި އެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށާއި އެހީ ހޯދުމުގެ ކަންކަން ވިލަރެސް ކުރުމަށް ހަވާލުކުރައްވާފައިވާ ރައީސް މުހައްމަދު ނަޝީދު މިފަދަ ރައްދެއް ދެއްވީ ލަންކާއަށް މާލީ އެހީ ލިބޭނެ ދޮރުތައް ބަންދުވެއްޖެ ކަމަށް ވިދާޅުވެ ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރު ޑރ. ހަރްޝާ ޑި ސިލްވާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެެ.

ސްރީލަންކާގެ އިދިކޮޅު ޕާޓީގެ މެމްބަރު ޑރ. ހަރްޝާ ޑި ސިލްވާ ވިދާޅުވީ ލަންކާއާއި އެހެން ގައުމުތަކާއި ދެމެދު އޮތް ދާޚިލީ ގުޅުން ހީނަރުވެފައިވާތީ މި ދަނޑިވަޅުގައި ހާލުގައިޖެހިފައިވާ އެގައުމަށް މާލީ އެހީތެރިކަން ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. އެގޮތުން ލަންކާއަށް މާލީ އެހީ ހޯއްދެވުމަށް ރައީސް ނަޝީދު ސަޢުދީ ރަސްގެފާން މުހައްމަދު ބުން ސަލްމާނަށް ގުޅުއްވުމުން ވެސް، އެކަމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކެއް އެބައޮތްތޯ ވިދާޅުވެ ސުވާލުކުރެއްވި ކަމަށް ޑރ. ޑި ސިލްވާ ވިދާޅުވެފައި ވެއެވެ. އަދި ލަންކާ ސަރުކާރުގެ އިޤްތިޞާދީ ހަރުދަނާ ޕްލޭނެއް ނެތި އެކަން ނުކުރެވޭނެ ކަމަށް ރަސްގެފާ ވިދާލުވެފައިވާ ކަމަށް ވެސް އިދިކޮޅު އެމްޕީ ނިއުސް ވަޔަރ ގައި ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްގެ، ޔޫއޭއީގެ ވެރިޔާ މުގައްމަދު ބުން ރާޝިދު އަލް މަޚްތޫމަށް އެހީ ހޯދަން ހުށައެޅުމުން ވެސް އެކަމަށް އެދެވޭ އިޖާބައެއް ނުދެއްވި ކަމަށް އިދިކޮޅު ލީޑަރު ވިދާޅުވިއެވެ. ޔޫއޭއީއިން އެހީތެރިވާން ވިސްނާނީ ލަންކާގައި ހުރި ވިއްކޭނެ ހަރު މުދަލުގެ ލިސްޓެއް ފޮނުވުމުން ކަމަށް ޝައިހް މުހައްމަދު ބިން ރާޝިދު ވިދާޅުވި ކަމަށް ޑރ. ޑި ސިލްވާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އިންޑިއާއާއި ޗައިނާއިންވެސް ލަންކާއަށް އިތުރަށް ލޯނު ނުދޭން ނިންމާފައިވާ ކަމަށް އިދިކޮޅު އެސްޖޭބީ މަޖިލިސް މެންބަރު ވިދާޅުވިއެވެ.



އޭނާއަށް ރައްދު ދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ލަންކާގެ އިދިކޮޅު ޕާޓީގެ މެމްބަރަކާއި ހަވާލާދީ މީޑިޔާ އަކުން ރިޕޯޓްކޮށްފައިވާ ޚަބަރަކީ ތެދު ޚަބަރެއް ނޫން ކަމަށެވެ. އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި މިހާރު ވެސް އެތައް ގައުމަކުން ސްރީލަންކާއަށް އެހީވާން އޮތީ ތައްޔާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަދި އެ އެހީތެރިކަން އަވަސް މުސްތަގުބަލެއްގައި ލަންކާއަށް ލިބޭނެ." ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު