ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު ވަރަށް ބޮޑުތަން ދަށްވެފައި އޮތުމަށްފަހު، އަނެއްކާވެސް ކޮވިޑު ފެތުރޭ މިންވަރު އިތުރުވެފައިވާތީ، އައިޖީއެމްއެޗްގައި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ބަލި ފެތުރުން މަދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމާއި އެއްގޮތަށް، އެ ހޮސްޕިޓަލުގައި ވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާކަމަށެވެ.



އެގޮތުން، ހޮސްޕިޓަލަށްދާ ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން އަދި އެހެނިހެން ފަރާތްތަކުން ވެސް މާސްކް އެޅުމަށް އިލްތިމާސް ކުރާކަމަށް އައިޖީއެމްއެޗުންވަނީ ބުނެފައެވެ. އަދި ކޮވިޑު ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުން ވެސް ބައިވެރިވެ އެއްބާރުލުން ދިނުމަށް އެ ހޮސްޕިޓަލްގެ ބަޔާނުގައި އެދިފައިވެއެވެ.



އެޗްޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް އެބަލީގެ ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު